ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިމަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ކ.ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި 4،142 ބަނގުރާ ފުޅި، 717 ބިޔަރު ދަޅު، 31،750 ބިޑި ސިނގިރޭޓް ހިމެނެއެވެ. އަދި 523 ބިޔަރު ހުސްކުރި ދަޅާއި ބަނގުރާ ފުޅީގެ އިތުރުން 7.3 ކިލޯގްރާމްގެ ދުންފަތްވެސް ހިމެނެއެވެ.

މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 173 އެއްޗެއްވެސް ކަސްޓަމްސްއިން ނައްތާލާފައިވެއެވެ. މިތަކެތީގެ ތެރޭގައި ޖުވާކުޅޭ ސާމާނާއި، ބުދު ފަދަތަކެތި ހިމެނޭކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން, ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.