ތިމާވެށި

މޫސުމީ ބަދަލުތަކަށް ރާއްޖެ ހޭނެން 200 މިލިއަން ޑޮލަރު ހޯދުމަށް ޖީސީއޭގެ އެހީ ހޯދަނީ


މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ) އާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސްގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ޖަލްސާގެ ހަވާސާގައި، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. އަދި ޖީ.ސީ.އޭގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ޕެޓްރިކް ވާރކޫއިޖެންއެވެ.

މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތަކެއް އެކުލަވާލުމަށް ޖީ.ސީ.އޭ މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުންވެސް ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޖީ.ސީ.އޭ. އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނޭކަމަށެވެ.

ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސްގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.