ސިއްހަތު

ޑޮކްޓަރުންނާއި ނަރުހުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ


ސަރުކާރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އޮނިގަނޑު މުރާޖަޢާކުރައްވައި، އޮނިގަނޑަށް ބަދަލުތަކަށް ގެންނެވުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތްތެރިންގެ މަޤްބޫލްކަން އިތުރުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތްތަކެއް ކަމަށެވެ.ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ގެންނަވަން ނިންމަވާފައިވާ ބަދަލުތަތާއި އެ ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަކީ އިތުބާރުކުރެވޭ ޚިދުމަތްތަކެއް ދޭ ބަޔަކަށް ހަދަންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިޞްލާޙުތައް ގެންނެވުމަށްޓަކައި ހެލްތް މިނިސްޓްރީއާއި، އައިޖީއެމްއެޗްގެ މެނޭޖްމަންޓާއި އެހޮސްޕިޓަލްގެ ޑޮކްޓަރުން ގުޅިގެން ޑޮކްޓަރުންގެ އޮނިގަނޑު މުރާޖަޢާކުރައްވަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ޞިއްޚީ ޚިދުމަތް ދޭ ފަރާތްތަކަކީ މަޤްބޫލު ބަޔަކަށް ހެއްދެވުމަށްޓަކައި ނަރުހުންނާއި، ހެލްތް ވޯކަރުންގެ އޮނިގަނޑުވެސް މުރާޖަޢާކުރައްވާފައިވާކަމަށާއި،  އަންނަ އަހަރު އެއޮނިގަނޑު ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗްގައި ޚާއްޞަ ޚިދުމަތްތަކެއް ދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ދެއްވަމުން ގެންދަވާ ޚިދުމަތްތައް ރަނގަޅުކުރައްވައި، ފުޅާކުރެއްވުމުގެ ބޭނުމުގެ މައްޗަށްވެސް މިނިސްޓަރ ވާހަކަފުޅުދެއްކެވިއެވެ.އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުން ޢަމަލުކުރައްވަން ފަށްޓަވާގޮތަށް ހަމަޖެހިފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން، ހައްދަވަންޖެހިވަޑައިގަންނަވާ ޤަވާޢިދުތައް ހެއްދެވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.