ވިޔަފާރި

މަޝްހޫރު ބްރޭންޑަކާއެކު އިޓަލީ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމުގެ ކެމްޕެއިނެއް


އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ބްރޭންޑް، ބްލުވަކަންޒޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭއާއެކު އެމްއެމްޕީއާރްސީން ރާއްޖެ އިސްތިހާރު ކުރުމަށް މަސައްކަތް ފަށައިފިއެވެ.

އިޓަލީގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޙިދުމަތް ކޮށްދީފައިވާ އެކުންފުނީގެ ދަށުން 320 އެޖެންސީ މަސައްކަތް ކުރެއެވެ. މިއީ އިޓަލީ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން 6 މަސް ދުވަހަށް ކުރިއަށް ގެންދާއިރު، ރައްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރާނެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިންނަށް ޤާއިމުކުރެވިފައި ހުރި މުހިންމު ޕްރޮޑަކްޓުތައް އިސްތިހާރުކޮށް ފަތުރުވެރިންނަށް ލިބޭނެ ޙިދުމަތްތައް އިސްތިހާރު ކުރާނެއެވެ.

މިކެމްޕެއިންގެ ތެރެއިން އެކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ފޮޓޯ އާއި ވީޑިއޯ އިސްތިހާރު ދެއްކުމާއި 600 ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖެއާއި ބެހޭ މަޢުލޫމާތު ހިމެނޭ ނިއުސް ލެޓާއެއް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން އިޓަލީގެ 50 ޓްރެވެލް އޭޖެންޓުނަށް ހާއްސަކޮށްގެން ވެބިނާއެއް ބާއްވާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ވެބްސައިޓުގައި އަހަރެއް ދުވަސްވަންދެން އެކުންފުނީގެ އިސްތިހާރުކޮށް، ހަނީމޫން ދަތުރުވެރިންނަށް ހާއްސަ ވެބްސައިޓު "ގޯޗެއް ޑި ވިއާޖިއޯ" ގެ ވެބްސްއިޓުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 150 އޮފީހެއްގެ ޑިޖިޓަލް ބޯޑުތަކުގައި ރާއްޖެ އިސްތިހާރުތަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިޓަލީ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފެށި ކެމްޕެއިނެއްކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި އިޓަލީގެ މިކުންފުންޏަކީ އިޓަލީގެ ދަތުރުވެރިނަށް ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި، އެކި މަންޒިލްތަކަށް ޕެކޭޖުތައް މިކުންފުނިން ދަތުރުވެރިންނަށް ފޯރުކޯށްދޭކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިއީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރާ މާކެޓުކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މިމާކެޓުން މިދިޔަ އަހަރު އެކަނިވެސް 46000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.