ޚަބަރު

މޯލްޑިވްސް ޕްރޯގައި ޤައުމީ އެތުލީޓުންގެ އަމާޒަކީ ފައިނަލް


  • މިދިޔަ މުބާރާތްތަކުގައި ލިބުނު ސަޕޯޓް ލިބޭނެ ކަމަށް އުންމީދުކުރޭ

  • ރާއްޖޭގައި ބާއްވާ މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެޑްވާންޓޭޖެއް

ކ. ތުލުސްދޫގައި މި މަހު ފަށާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ރާއްޖޭގެ އެތުލީޓުންގެ އަމާޒަކީ ފައިނަލުގައި ވާދަކުރުން ކަމަށް ތަޖުރިބާކާރު ބޮޑީބޯޑަރު ޢަލީ ޚުޝްރުވާން ބުނެފިއެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މޯލްޑިވްސް ޕްރޯ ވަނީ ރާއްޖޭގައި ބާއްވާފައެވެ. އެކަމަކު އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ. އެކަމަކު މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ކ. ތުލުސްދޫގައެވެ.

ކ. ތުލުސްދޫގައި މީގެ ކުރިން ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު މިއީ ބޮޑީބޯޑިންގެ އިވެންޓެއް ރާއްޖޭގެ ރަށެއްގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މިއަހަރު ކުރީކޮޅު ރާއްޖޭގެ ބޮޑީބޯޑިން ޓީމުން ވަނީ މޮރޮކޯގައި ކުރިއަށްދިޔަ ވޯލްޑް ޓުއާގައި ބައިވެރިވެފައެވެ. އެ މުބާރާތުގެ ތަޖުރިބާއާއެކު، އަމިއްލަ ގައުމުގައި ބާއްވާ މުބާރާތައް ރާއްޖޭގެ އެތުލީޓުން ނުކުންނާނީ މުބާރާތުގެ ފައިނަލުގައި ވާދަކުރުމުގެ އަޒުމުގައި ކަމަށް ޚުޝްރުވާން ވަނީ ބުނެފައެވެ.

"ހަމަ ފައިނަލަށް ހުރިހާ ކުދިންވެސް ދާން ޓާގެޓަކީ. އާމިން ވެސް އިޔަން ވެސް، އައްޔަ ވެސް މި އަންނަނީ މުބާރާތައް ވަރަށް ރަނގަޅަށް ފޯކަސް ކޮށްގެން ޕްރެކްޓިސް ކުރަމުން" ޚުސްރުވާން ފާހަގަކުރިއެވެ.

ޚުޝްރުވާން ބުނީ، އަމިއްލަ ގައުމުގައި މުބާރާތް ބޭއްވުން އެއީ ރާއްޖޭގެ އެތުލީޓުންނަށް އެޑުވާންޓޭޖެއް ކަމަށާއި، މާލޭގައި ބޭއްވި މުބާރާތުގައި ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ލިބުން ކަމަށެވެ. އަދި އުންމީދަކީ މި ފަހަރުގެ މުބާރާތުގައި ވެސް އެ ސަޕޯޓް ލިބުން ކަމަށް ޚުޝްރުވާން ވަނީ ބުނެފައެވެ.