ޚަބަރު

މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ ޑިޒައިން ދަނީ ފައިނަލްކުރަމުން - އާރްޑީސީ


މާލޭގެ މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެގޮތުން މިހާރު ކުރިއަށްދަނީ ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތްކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްޕަމްޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްޕަމްޓް ކޯޕަރޭޝަން (އާރުޑީސީ)އިން ވިދާޅުވީ މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތްތައް، ސައިޓުގައި ފެށޭނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، މިމަޝްރުޢާ ގުޅުންހުރި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މަސައްކަތް ފެށުމުގެ ކުރިން މާލޭ ސިޓީ ކައުންސިލާ ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރިއަށްދާކަމަށް އާރުޑީސީން ވިދާޅުވިއެވެ.

އަދި މިވަގުތު އެންމެ މުހިންމު މަސައްކަތްކެއްގެ ގޮތުގައި ކުރިއަށްދަނީ، ސިޓީ ކައުންސިލުން ދީފައިވާ ކުރެހުންތައް ފައިނަލްކޮށް، ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތްތައްކަމަށްވެސް އާރުޑީސީން ވިދާޅުވިއެވެ.

މާލޭގެ 15މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ މާލޭ ސިޓީ ކައުންސިލުން ހަވާލުކުރައްވާފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހު 11ވަނަ ދުވަހުއެވެ.

މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އާ އެއްބަސްވުމުގައި އެންމެބޮޑު ބަދަލެއްގެގޮތުގައި ފާހަގަކުރެވެނީ މިމަޝްރޫޢުގެ ތެރެއިން މާލޭގެ 15 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމެވެ. މިގެތެރޭގައި މާލޭގެ އެންމެ ގިނައިން ބޭނުންކުރާ ބޮޑެތި މަގުތައް ހިމެނެއެވެ. މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ޒަމާނީ މަގުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީވެގެން އައުންކަމަށެވެ. މި މަޝްރޫޢު އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 2އަހަރު ދުވަހުން ޢަމަލީ މަސައްކަތްތައް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެންނިގެންދާނެ އެއް ސަރަޙައްދަކީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެ ސަރަޙައްދުގެ ތޮށިގަނޑު ފެއަށް ޖައްސައި މަގުފުޅާކޮށް، އެސަރަޙައްދުގެ ތޮއްޖެހުން ހައްލުކޮށް ހިތްފަސޭހަކަން އިތުރުވެގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ހަމައެހެންމެ މި މަގުތައް ތަރައްޤީވެގެންދާނީ، ފެހިކަންގަދަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެގޮތަށްކަމަށާ، މި މަޝްރޫޢުގެ ތެރެއިން ވެހިކަލް ޕާކުކުރުމާއި، މުދާ އަރުވައި ބޭލުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި، މާލޭގައި ތާރުއަޅައިގެން ފުރަތަމަ މަގުތައް ތަރައްޤީކުރީ 2017ވަނަ އަހަރުއެވެ. މި މަސައްކަތް ނިންމާ ޢާއްމުންނަށް ބޭނުންކުރަން ހުޅުވާލީ 2018ވަނަ އަހަރުއެވެ. މި މަސައްކަތުގައި މާފަންނު އިންޑަސްޓްރިއަލް ޒޯނުން ފެށިގެން، ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށްވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ.