ޚަބަރު

ރެސްޕެކްޓް ކެމްޕެއިން އެސްޓީއޯ އިން އެންޑޯޒް ކޮށްފި


ދިވެހިންގެ މެދުގައި އިޙްތިރާމްކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން "ރެސްޕެކްޓް ކެމްޕެއިން" ގެ ނަމުގައި ފެށި ޤައުމީ ކެމްޕެއިންގައި އެސްޓީއޯއިން ބައިވެރިވެއްޖެއެވެ. އެ ކުންފުނިން މި ކެމްޕެއިން އެންޑޯޒްކުރުމަށް އެސްޓީއޯ ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ދެއްކެވި ވާހަކަފުޅުގައި، އެސްޓީއޯއަކީ ތަރައްޤީވަމުން އަންނަ މުޖުތަމަޢެއްގައި، އުޅެންވާނެ ރީތި، ތަހުޒީބު ގޮތްތައް ގެންގުޅޭ މުވައްޒަފުންތަކަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް  ވިދާޅުވިއެވެ. އަދި ރެސްޕެކްޓް ކެމްޕެއިންގައި އެސްޓީއޯ ބައިވެރިވުމަކީ، އެސްޓީއޯގެ މުވައްޒަފުންނަކީ ޚިދުމަތް ދިނުމުގައި ނަމޫނާ މުވައްޒަފުންތަކަކަށް ހެދުންކަމަށާއި، މި ކެމްޕެއިންގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އިޙްތިރާމް ކުރުމުގެ ސަޤާފަތެއް އުފެދި، ކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ކުންފުންޏަށްވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެސްޓީއޯގެ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކަކުންވެސް މި ކެމްޕެއިން އިފްތިތާޙުކުރެވިގެންދާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.މީގެ އިތުރުން މިފަދަ ކެމްޕެއިންތަކުން ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އަށަގެންނުވޭ ރަނގަޅު ސިފަތަކުގެ ސަބަބުން އެ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގެ ވިޔަފާރިއަށާއި ޚިދުމަތަށް ހެޔޮ ބަދަލު އަންނާނެތީ، މި ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ރާއްޖޭގެ އެހެން ކުންފުނިތަކަށްވެސް އިލްތިމާސް ކުރައްވާފައެވެ.މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚާލީލް ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގުޞަދަކީ އިޙްތިރާމްކުރުމުގެ ސަޤާފަތެއް މުޅި ރާއްޖޭގައިވެސް އަށަގެންނެވުން ކަމަށެވެ. ޕީއެސްއެމްއިން މިކެމްޕެއިން ފެށުމަށް އިސްނެގީ ޕީއެސްއެމްއަކީ ޤައުމީ މީޑިއާ ހިންގުމުގެ ޒިންމާ ޤާނޫނީ ގޮތުން މަތިކުރެވިފައިވާ ފަރާތްކަމުގައިވާތީކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ ވިދާޅުވެފައެވެ.ޕީއެސްއެމްއިން ވަނީ މި ކެމްޕެއިން ނިމުމެއް ނެތް ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އެގޮތުން ވަކި ފަރުދުންނާއި، ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކާ ހަމަޔަށް މިކެމްޕެއިން ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ޤައުމީ ކެމްޕެއިނެއްގެ ގޮތުގައި މިކެމްޕެއިން ކުރިއަށް ގެންދާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމްއިން އިސްނަގައިގެން ފަށާފައިވާ ރެސްޕެކްޓް ކެމްޕެއިނަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމަށް ދެއްވި ޚިތާބްގައި  އިޙްތިރާމްކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމަށް ކުރެއްވި އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން، އެ އިލްތިމާސްކުރެއްވިތާ 7 ދުވަހުގެ ތެރޭގައި ފެށި ކެމްޕެއިންނެކެވެ.ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ފަށާފައިވާ މި ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.ރެސްޕެކްޓް ކެމްޕެއިނަށް މިކެމްޕެއިނަށް ތާއީދުކޮށް މިކަމުގައި ބައިވެރިވާކަން ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ހާމަކުރަމުންނެވެ. މި ކެމްޕެއިން ރަސްމީގޮތުން އިފްތިތާޙުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.