ވިޔަފާރި

މިނިމަމް ވޭޖް ދިނުމުގައި އެންމެ ކުދި ވިޔަފާރިތައް އިސްތިސްނާވާނެ


މިނިމަމް ވޭޖް ދިނުމުގައި އެންމެ ކުދި ފަންތީގެ ވިޔަފާރިތައް އިސްތިސްނާވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔައިރު އެންމެ ކުދި ފަންތީގެ ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށް ފައިސާ ދޭކަށް ނުޖެހޭނެއެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގައިވާ ގޮތުން އެންމެ ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ މައިކްރޯ އެންޓަޕްރައިޒް ގޮތުގައި ބަލާނީ، އެ ވިޔަފާރީގެ ޖުމްލަ އާމްދަނީ އަހަރެއްގެ މައްޗަށް 500000 އަށްވުރެ މަތި ނުވާ އަދި ސާފު ފައިދާ 75000 ރުފިޔާއަށް ވުރެ މަތި ނުވާ ވިޔަފާރި ތަކަށެވެ.

މިނިމަމް ވޭޖް އެންމެ ދަށްކޮށް ދޭން ޖެހޭނީ މަހެއްގެ މައްޗަށް 4500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ފިޔަވައި ދެން ހުރި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ދޭން ޖެހޭ މިންވަރެވެ. އަދި މިއީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ.

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް 5700 ރުފިޔާ ކަނޑައެޅި ނަމަވެސް އެ އަދަދު ވަނީ 4500 އަށް ކުޑަކޮށްފައެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ ބޯޑުން ކަނޑައެޅި އަދަދަށް ކުދި ވިޔަފާރިތަކުން ދޭން ޖެހިއްޖެ ނަމަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

" އަޅުގަނޑުމެން އެއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައިން. އަޅުގަނޑުމެން ކުރި ދިރާސާތަކުގައި 5000ރ. ކަނޑައަޅައިފިނަމަ ކުދި ވިޔާރިތަކުގައި އޭގެ ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެ. އެހެންވެ އަޅުގަނޑުމެން ކަނޑައެޅީ ކުޑަ ބަދަލެއް ގެނެސް 21ރުފިޔާ 63 ލާރިއަށް (ގަޑިއަކަށް ޖެހޭ މިންވަރު) އަށް މިނިމަމް ވޭޖް ކަނޑައެޅުން. އެއީ ގާތްގަނޑަކަށް 4500ރ މަހެއްގެ މައްޗަށް " ފައްޔާޒު ވިދާޅުވިއެވެ.

އެސްއެމްއީ ޤާނޫ ބުނާގޮތުން ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ ސްމާލް އެންޓަޕްރައިޒެއްގެ ގޮތުގައި ބަލާނީ އެ ވިޔަފާރިއެއްގެ ޖުމްލަ އާމްދަނީ ފަސް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާއި ދެމެދު ހުރި ވިޔަފާރިތަކަށެވެ. އަދި އެ ވިޔަފާރިއެއްގެ ސާފު ފައިދާ ގޮތުގައި 75000 އިން ފެށިގެން 750،000 ރުފިޔާ ދެމެދު ޖެހޭ ވިޔަފާރިތަކެވެ. މިއީ ޕްރައިވެޓް ސެކްޓަރގައި މިނިމަމް ވޭޖް ދޭން ފަށާ ގިންތީގެ ވިޔަފާރިތަކެވެ. މިއަށް ވުރެ މައްޗަށް އާމްދަނީ އަދި ސާފު ފައިދާ ޖެހޭ ވިޔަފާރިތައް މިނިމަމް ވޭޖް ދޭން ޖެހޭނެއެވެ.