ޚަބަރު

މިނިމަމް ވޭޖާއެކު އިންފްލޭޝަނަށް ބަދަލުތަކެއް އަންނާނެ، އެކަން ގާތުން ބަލާނަން : ފައްޔާޟް


ރާއްޖޭގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފެށުމުން އިންފްލޭޝަނަށް ނުވަތަ މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށާއި، އެކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުއްޖެއެވެ.

މުސާރައިގެ ގޮތުގައި ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަށް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ކުރި ދިރާސާގައި، މިކަން ތަންފީޒުކުރަން ފެށުމުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ ތެރޭގައި ޝޯޓް-ޓާމް އިންފްލޭޝަނެއް އަންނާނެކަމަށް ބުނެފައިވެއެވެ.

މިނިމަމް ވޭޖް ތަޢާރަފުކުރުމާގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ލޮޅުންތަކާއެކު ކުރިއަށް އޮތް 6 މަސްތެރޭ، އެބްނޯމަލް އިންފްލޭޝަނެއް ނުވަތަ އާއްމުކޮށް ނާންނަފަދަ ވަގުތީ އިންފްލޭޝަން މަތިވުމެއް އަންނާނެކަމަށެވެ.

އެގޮތުން މިހާރުވެސް ޝިޕިންގ ކޯސްޓް 3 ގުނައަށް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މުސާރަތަކަށް މިގެނެވޭ ބަދަލުތަކާއެކު ކޮންމެވެސް ވަރަކަށް މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ރާއްޖޭގައި އޮތީ ސޯޝަލް މާކެޓް ޑްރިވަން އިކޮނޮމީއެއްކަމަށާ، ވިޔަފާރިތަކަށް ކަނޑައެޅިފައި އެއޮންނަ އުޞޫލެއްގެ ތެރެއިން ވަރަށް މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި ސަރުކާރަކުން ނުކުމެ ހުރިހާ މުދަލެއްގެ އަގުތަކެއް ކޮންޓްރޯލެއް ނުކުރާނެކަމަށާ، އަގު ކޮންޓްރޯލްކުރުމުގައި އާއްމުކޮށް ގެންގުޅޭ އުޞޫލަކީ އެސެންޝިއަލް ގުޑްސްގެ ގޮތުގައި ބޭނުން ކުރާ ކާޑުގެ ބާވަތްތައް ކޮންޓްރޯލްކުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިހާރުވެސް އަޅުގަނޑުމެން ބަލަމުންދާނަން އެގޮތަށް ހުންނަ ބައެއް ކަހަލަ މުދާ ކޮންޓްރޯލްކުރަންޖެހޭތޯ. އަދި ކޮންޓްރޯލް ކުރާކަމަށްވިޔަސް ވިޔަފާރިއަކަށް އެމީހުންނަށް އެލިބޭ އަގަށްވުރެ ކުޑަކޮށެއް ނުއެއް ވިއްކޭނެ ދެއްތޯ. އެހެންވެއްޖެއްޔާ އެއަށް އަޅުގަނޑުމެން ކޮންޓްރޯލް އަގެއް ގެނެސްފިއްޔާ ވިޔަފާރިވެރިޔާ އެ މުދާ ނުއެއް ގެންނާނެ. އޭގެ މާނައަކީ އެ މުދާ ނުވެސް ލިބޭނެއޭ ރާއްޖެއިން. އެހެންވީމަ އޭގައި އަޅުގަނޑުމެން ކައިރިން ބަލަމުންދާނަން ކޮންކަހަލަ އަސަރުތަކެއްތޯ ކުރަނީ. ސަރުކާރުން އިންޓަވޭންޝަނެއް ހަދަންޖެހޭތޯ. ހަދަންޖެހިއްޖެކަމަށްވަންޏާ ކޮންކަހަލަ އިންޓަވޭންޝަނެއްތޯ ހަދަނީ" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެކަން ރެގިއުލޭޓްކުރުމުގެ ޒިންމާ މައިގަނޑުގޮތެއްގައި ޤާނޫނުން ލާޒިމްކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްކަމަށެވެ.

އެހެންނަމަވެސް މިކަމާގުޅިގެން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތުން ހުށަހެޅޭ ޝަކުވާތަކާއި ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓްރީން ބަލަމުންދާނެކަމަށާ، އެކަންކަމަށް ރިޢާޔަތްކޮށް އުޞޫލުތަކަށް ބަދަލު ގެންނަންޖެހިއްޖެނަމަ އެކަންވެސް ސަރުކާރުން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޓްރައިބިއުނަލްއަކީ މުޅިން ވަކި އިންޑިޕެންޑެންޓް ޖުޑިޝަރީ ރިލޭޓެޑް މުއައްސަސާއެއް. އަޅުގަނޑުމެން އެހެންނަމަވެސް ބަލަމުންދާނަން ދިރާސާކުރަމުންދާނަން. އަޅުގަނޑުމެން ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ނަގާނަން، އަދި އޭގައި އަޅުގަނޑުމެންނަށް ޤާނޫނީގޮތުން ފިޔަވަޅުތަކެއް ނޭޅުންކަމަށްވިޔަސް އަޅުގަނޑުމެން ބަލާނަން އެއީ ކޮންކަހަލަ ކަންކަމެއްތޯ އަންނަނީ. އެއީ ޤާނޫނު ހަރުދަނާކުރަންޖެހުނުކަމަށްވިޔަސް ބަދަލުތަކެއް ގެންނަންޖެހުނުކަމަށްވިޔަސް އަޅުގަނޑުމެން ހަމަ ދެ އެންގަލުންވެސް ބަލަމުންދާނަން" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޤައުމެއްގެ އިޤްތިޞާދު މި ބިނާވަނީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްޗަށްކަމަށްވާއިރު، މި ދެބައިވެސް ރަނގަޅުގޮތުގައި ހިނގައިގަނެ، ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. އަދި މިގޮތުން އެޅޭ ބައެއް ފިޔަވަޅުތަކަކީ އޭގެ ސަބަބުން ސަރުކާރަށް ގެއްލުންތަކެއް ނުވަތަ ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނަސް، ދުރު މުސްތަޤުބަލަށް ބަލާނަމަ އޭގެ ލާބަޔާއި މަންފާ މުޅި ޤައުމަށް ލިބިގެންދާނެކަމެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.