ޚަބަރު

ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ލެޑް ލައިޓް ބޭނުންކުރަން ފަށަނީ


ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ލެޑް ލައިޓް ބޭނުންކުރެއްވުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ. "ލެޑް ސޭވްސް" ފޮޓޯ މައުރަޒު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ މެޝިނަރީތަކުގައި ލެޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވާކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އޮޕަރޭޝަން ތިއޭޓަރުގައާއި، އަލްޓްރާ ސައުންޑް ސްކޭން ކޮޓަރިތަކުގައި ލެޑް ލައިޓްތައް ބެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކަކީ ފުރާނައަށްވެސް ގެއްލުން ލިބޭ ފަދަ އަސަރުތަކެއްކަން ފާހަގަކުރައްވާ، ޚިދުމަތްތައް ދިނުމުގައިވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހެލްތް މިނިސްޓަރ ގޮވާލެއްވިއެވެ. މިރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖެ އިން ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއަކަށް ވުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވިއެވެ.ހަ ކެޓަގަރީއަކުން ފޮޓޯ ހުށައެޅޭގޮތަށް ކުރިއަށްގެންދިޔަ މިމުބާރާތަކީ ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުމުގެ މުޙިއްމު ކަމާއި ގުޅޭ މުބާރާތެކެވެ. މިއީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުނެޕް ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު، ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ފަރާތުން ބޭއްވި މުބާރާތެކެވެ.