ޚަބަރު

އަމާޒަކީ ތައުލީމަށްޓަކައި، ކުރަންޖެހޭ ހިޖުރަކުޑަކޮށް، ގިނަ ވަޒީފާތަކެއް ތަނަވަސްކުރުން: ޝަރުވަޝް


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ ތަޢުލީމަށްޓަކައި ކުރަންޖެހޭ ހިޖުރަކުޑަކޮށް، ގިނަ ވަޒީފާތަކެއް ތަނަވަސް ކުރުން ކަމުގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަޝް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "ބަޖެޓް 2022" ޕްރޮގުރާމުގައި ބަޖެޓުގައި ކަންކަން ތަރުތީބު ކުރެވުނު ގޮތާއި، އިސްކަން ދެވުނު ގޮތްތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ޝަރުވަޝް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ހުރިހާ ދާއިރާއަކަށްވެސް ހަމަހަމަ ފުރުސަތު އޮތް، ގިނަ ބަދަލުތަކެއް ގެނުވާނެ ބަޖެޓެއްކަމަށެވެ. މިހާރު ބަޖެޓުގައި ހުރި ކަންތައްތަކުގެ ތެރެއިން ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލު ތަރައްޤީ ކުރުމަށާއި، ސަރަހައްދީ ތައުލީމު ފުޅާކޮށް، އަތޮޅު ތަކުގައި މަތީ ތައުލީމު ދެވޭނެ މަގު ފަހިކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ތައުލީމު އުގެނުމަށް މިހާރު ކުރަންޖެހޭ ހިޖުރަ ކުޑަކޮށް، އަމިއްލަ ރަށުގައި ނުވަތަ އެސަރަހައްދެއްގައި ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށް ދިނުންކަމަށެވެ. ހަމަމިއާއިއެކު ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއަށް ޚާއްސަކޮށް ގިނަ ވަޒީފާތަކެއް ހުޅުވާލެވުމަކީ މިދާއިރާތަކަށް ކުރިމަތިވެފައިވާ އިންސާނީ ވަސީލަތަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް ޝަރްވަޝް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 700 އަށްވުރެ ގިނަ އައު މުވައްޒަފުން ނެގުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 400 އައު މުދައްރިސުންނާއި 160 އެއްހާ ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނެއެވެ. މި ދެ ދާއިރާގެ މުވައްޒަފުންނަށް ކުރާ ޚަރަދަށް ބަލާއިރު ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް 2270 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އަދި 2257 މިލިޔަން ރުފިޔާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

ބަޖެޓުގައި އަބަދުވެސް އެންމެ އުދަނގޫ އެއް މަރުހަލާއަކީ މުއައްސަސާތަކުން ހުށަހަޅާ މިންވަރަށް ބަޖެޓް ކަނޑަނޭޅުން ކަމަށް ޝަރުވަޝް ފާހަގަ ކުރެއްވިއެވެ. އޮފީސް ތަކުން ބޭނުންވާ މިންވަރަށް ބަޖެޓް ކަނޑައަޅާނަމަ 60 ބިލިޔަނަށްވެސް ބަޖެޓް އެރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ނަމަވެސް މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ އަންނަ އަހަރަށް އޮފީސްތަކުން ކުރަންޖެހޭ ޚަރަދެއް ކުރުމަށް އެއްވެސް މިންވަރެއް މަދުނުވާނޭ ގޮތަށް ހުށަހެޅިފައިވާ ބަޖެޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އޮފީސްތަކުގެ ބަޖެޓަށް ބަލާއިރު ކުރީ އަހަރާއި އަޅަބަލާއިރު ކުޑައެއް ނުވާނެ. ކުރަމުންދާކަމެއް ކުރެވޭނެ އެކަށީގެންވާ ބަޖެޓެއް އޮންނާނެ. ދެން އާކަމެއް ކުރަންޏާ، ބަޖެޓް ޕްރޮސަސް ތެރޭގައި އޮވޭ އެކަން އަޅުގަނޑުމެން ރާވައިގެން ކުރެވޭނެ." ޝަރުވަޝް ވިދާޅުވިއެވެ.

ބަޖެޓުގައި އެކި އޮފީސްތަކުން އަލަށް ހިންގަން ބޭނުންވާ ޕްރޮގުރާމެއްވާނަމަ އެކަން ކުރެވިގެންދާނީ ފިނޭންސް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީއާއި، ރައީސް އޮފީހާއި މަޝްވަރާ ކުރެވި މަޝްރޫޢުގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހުގައެވެ. އަދި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ހިންގުމަށް އަންނައަހަރު ޖާގަ ދެވިފައިވާނެކަމަށްވެސް ޝަރުއަޝް ވަނީ ފާހަގަ ކުރައްވާފައެވެ.

މިއާއިއެކު ބަޖެޓު ކަނޑައެޅުމުގައި، އިތުރު ވަޒީފާތައް އުފެދޭ ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ޖާގަ އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އެކި ޕްރޮގުރާމުތަކާއި، ގޭދޮށު މަސްފެކްޓްރީތަކާއި، މިނޫންވެސް ގިނަ ޕްރޮރުރާމުތަކެއް ބަޖެޓުގައި ހިމެނިފައިވެއެވެ. ޝަރުއަޝް ވިދާޅުވީ ބަޖެޓު މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ސަރުކާރުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ލިބިގެންދާނެ އިތުރު ބާރެއްކަމަށެވެ.