ޚަބަރު

ތިމާވެށި ހިމާޔަތް ކުރަން ޤާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންގެ ދައުރު ބޮޑު: ނަޝީދު


ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރުވޭނީ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގެ ހަވާސާގައި މެމްބަރުންނަށް ޚާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދަންފަޅީގައި ނަޝީދު ވަނީ ވެށީގެ ހިމާޔަތުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ޤައުމުތަކުގެ މަޖިލީސްތަކުން ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ނަޝީދުވަނީ ރާއްޖޭގެ ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ރާއްޖެ އަޑިއަށްދާތަން ބަލަން ހުންނަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށާއި ގައުމު އަޑިއަށް ދިއުމުގެ ކުރިން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި އެހެން ގައުމުތަކުގެ އެއްބާރުލުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންނަށް އެނގޭ، ވައި ގަދަކަން، ރާޅުތައް މާ ގަދަކަން، ހޫނު މޫސުންތައް ގިނަކަން. އަޅުގަނޑުމެންގެ މުރަކަ ފަރުތައް ބްލީޗްވެފައި، އަޅުގަނޑުމެންގެ ބަޔޯޑައިވާސިޓީ ގެއްލި، އެން ނުލިބޭތީ ކަނޑުމަސް އިންޑަސްޓްރީތައްވެސް ގެއްލެނީ. އަޅުގަނޑުމެންގެ ފެން ތަޣައްޔަރުވެ، އަޅުގަނޑުމެންގެ ފެން އަޅުގަނޑުމެންނަށް ޖެހޭނީ ޑީސެލިނޭޓް ކުރަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް ވެވޭ ވައުދުތައް، ގާނޫނީ އިމުގެ ތެރެއިން ފުއްދޭނެ ގޮތް، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅު ރާއްޖެއިން މަދުކުރުމަށް ކުރި މަސައްކަތް ފާހަގަކުރައްވާ ނަޝީދު ވަނީ މަޖިލީހުން ފާސްކުރި ޤާނޫނާއެކު ރާއްޖެއަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގާކަން ފާހަގަކުރައްވާފައެވެ.