ވިޔަފާރި

މޯލްޑިވިއަންގެ ކަނެކްޝަނާއެކު އަންނަމަހު 4ގައި ސްރީލަންކަންގެ ދަތުރުތައް އައްޑޫއަށް ފަށަނީ!


ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަންނަމަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީއަށް ފަށާނެކަމަށް ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް އެވިއޭޝަނުން ބުނެފިއެެވެ.

އައްޑޫސިޓީ ގަމަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުންދިޔަނަމަވެސް، ޝެޑިއުލް ދަތުރު ކުރަނީ ކޮން ދުވަސްތަކެއްގައި ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިދަތުރުތައް މިމަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށް މީގެ ކުރިން ބުނިނަމަވެސް ތަފާތު ސަބަބުތަކާއި ހެދި ދަތުރުތައް ފެށުން ވަނީ ލަސްވެފައެވެ.

ސްރީލަންކަންގެ ދަތުރުތައް ގަމަށް ފެށުމަށް މިދިޔަ ހަފްތާގައި މޯލްޑިވިއަންއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު އަދި އޭސް އެވިއޭޝަންއިން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. މިމަޝްވަރާތަކަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އޭސް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ ދަތުރުތައް ފަށަން ލަސްވެގެން ދިޔައީ ކޯވިޑުގެ ސަބަބުން ޤައުމުތަކުގެ ބޯޑަރު ބަންދުވެފައިވާވުމާއެކު ކަމަށެވެ. ނަމަވެސް މިފަހަރު ދަތުރުތައް ފަށާއިއިރު ލުއިފަސޭހަތަކެއް ލިބި، ދެކުނުގެ ފަތުރުވެރިކަަން ފަށައިގަތުމަށް ފުރުސަތު ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ސްރީލަންކަންގެ ދަތުރުތައް އައްޑޫއަށް ފެށިއިރު އެންމެ ގިނަ ބައެއްގެ ޝަކުވާ އައިސްފައިވާ އެއްކަމަކީ ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަޤްވާމީ ދަތުރުތަކާއެކު ޑޮމެސްޓިކް ކަނެކްޝަނެއް ނެތް ވާހަކައެވެ. ނަމަވެސް މިފަހަރު ދަތުރުތައް ފެށިގެން ދާއިރު މޯލްޑިވިއަން އެއަރލައިންސްއިން މިކަނެކްޝަން ހުވަދޫ އަދި މާލެއަށް ފޯރުކޮށްދޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވިއެވެ.

"އައްޑޫ އަތޮޅުގައި ޓުއަރިސްޓު ބެޑް މަދުކަމުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ޔޫއެލް ޖައްސާއިރު، މާލެއަށާއި ހުވަދޫއަށް ކަނެކްޓިވިޓީ. އެ ޔަޤީންކަން އަޅުގަނޑުމެން މިދެނީ. އެއީ މިކޮޅަށް ޔޫއެލް ޖައްސާއިރު މާލެއަށާއި ހުވަދޫއަށް ރަނގަޅު ކަނެކްޝަނެއް ދިނުން. އަޅުގަނޑުމެން ޤަބޫލުކުރަނީ އައްޑޫއަށާއި އައްޑޫއިންޓަނޭޝަނަލް އެއާޕޯޓަށް މިކަމުގެ ފައިދާތަކެއް ވާނެ ކަމަށް. ޗެލެންޖިން ކަމެއް އެކަމަކު އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރަން " ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވިއެވެ.

އައްޑޫއަށް ދަތުރުތައް ފަށާއިރު އައްޑޫއަށް އިންޓަނޭޝަނަލް އެއާޕޯޓުންވެސް ޓާމިނަލަށް ބަދަލުތަކެއް ގެނެސް ފަސޭހައިން ހުރިހާ ކަމެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.

ސްރީލަންކަން އެއަރލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާއި އެކުގައެވެ.