ޚަބަރު

މިނިސްޓަރ އިމްރާނާއި ސީޕީ ހަމީދު އުތުރުގެ ބައެއް ރަށްތަކަށް


މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިއަދުން ފެށިގެން މިމަހު 7 އަށް ކުރައްވާ އެ ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.