ޚަބަރު

އައްޑޫ ފުވައްމުލަކު ފެރީ - ކުރިއަށްވުރެ ފެންވަރު ރަނގަޅުވާނެ


އައްޑޫ ފުވައްމުލަކުގެ ފެރީ ދަތުރުތައް މެދު ކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ސަރުކާރަށް ދެއްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް އައްޑޫ ފުވައްމުލަކުގެ ފެރީ ދަތުރުތައް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އައްޑޫ ފުވައްމުލަކުގެ ފެރީ ދަތުތަކުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއެވެ. އައްޑޫ ފުވައްމުލަކު ފެރީގެ ޚިދުމަތް ފެއްޓެވުމަށް އައްޑު އަތޮޅު ފޭދޫ އާއި ހުޅުދޫ އަދި ފުވައްމުލަކުގައިވަނީ ރަސްމިޔާތުތަކެއް ބާއްވާފައެވެ. އައްޑޫ ފުވައްމުލަކުގެ ފެރީގެ ޚިދުމަތް ފެށިގެން ދިޔައީ އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އައްޑޫ ސިޓީ ފޭދޫން ، ފުވައްމުލަކަށް އަދި ފުވައްމުލަކުން ހުޅުދުއަށް ލޯންޗްގައި ދަތުރެއްވުމާއެކުގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ކުރިން އެ ސަރަހައްދުގައި ދިން ފެރީގެ ނިޒާމަށްވުރެ މާ ރަނގަޅު ފެންވަރުގައި މިހާރު ފެރީގެ ޚިދުމަތް ލިބެމުންދާނެ ކަމަށެވެ.އައްޑޫ ފުވައްމުލަކުގެ ފެރީ ދަތުރުތައް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ މި ޚިދުމަތް މެދުނުކެނޑި ދެމުން ގެންދާނެކަމުގެ ޔަގީންކަން މި ސަރަހައްދުގެ ރައްޔިތުންނަށް ދެއްވާކަމުގައެވެ. އަދި ޚިދުމަތް ދެއްވާނީ ރައްޔިތުން ބޭނުންވާ ފެންވަރުގައިކަމަށް ޝަރީފް ވިދާޅުވިއެވެ. އައްޑޫ، ފުވައްމުލަކުގެ ދަތުރުތަކުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ  30 މީހުންގެ ޖާގައިގެ ތިން ލޯންޗާއި ، 18 މީހުންގެ ޖާގަ ހުންނަ އެއް ލޯންޗާއި، 150 މީހުންގެ ފައިބަރު ދޯންޏެކެވެ. މިގެތެރެއިން މިވަގުތު ދަތުރުކުރާނި 30 މީހުންގެ ޖާގައިގެ އެއްލޯންޗެވެ. އައްޑުއާއި ފުވައްމުލަކާ ދެމެދު ހަފުތާއަކު 3 ދުވަހު މި ލޯންޗް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.ފެރީ ދޯނި ކޮންމެ ދުވަހަކު ފޭދުއާއި ހުޅުމީދުއާ ދެމެދު ދަތުރުކުރާނެއެވެ. ދަތުރުތަކުގެ ޑިމާންޑް އޮންނަ ވަރަކުން ދަތުރުތައް އިތުރުކުރަން ވަނީ ހަމަޖެހިފައެވެ.