ސިޔާސީ

ނަޝީދުގެ މައްސަލަ ޤާނޫނާ ޚިލާފް ނުވެ ކުރިއަށް ގެންދަން ގޮވާލައިފި


ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ޤާނޫނީ އިމުގެ ތެރެއިން އިސްތިޢުނާފް ކުރުމަށް އެމްޑީޕީގެ މެމްބަރު އަދި އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ނަޝީދުގެ ޤާނޫނީ ޓީމަށް ގޮވާލައްވައިފިއެވެ.ރައީސް ނަޝީދުގެ މައްސަލަ އިސްތިޢުނާފްކުރުމަށް އޭނާގެ ޤާނޫނީ ޓީމުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.އަލްހާންގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މައްސަލައެއް އިސްތިޢުނާފް ކުރަން ބޭނުންނަމަ އެންމެ ފުރަތަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ހައި ކޯޓަށް ކަމަށެވެ. ނަމަވެސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން އެކަން އެގޮތަށް ނުކުރައްވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީކަމަށް އަލްހާން ވިދާޅުވިއެވެ.އަލްހާން ވަނީ ނަޝީދުގެ ޤާނޫނީ ޓީމުން ޤާނޫނީ އިމުގެ ތެރެއިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އަލްހާން ވަނީ އެމްޑީޕީން ވަކި މީހެއްގެ ޙިމާޔަތުގައި މަސައްކަތްކުރާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލުމަށްކަމަށެވެ. ނަމަވެސް އެކަން ނުވާނެކަމަށާއި، އެ ޘަގާފަތް ބަދަލުކުރުމަށް އެމްޑީޕީއަށް އަލްހާން ގޮވާލެއްވިއެވެ.އަލްހާން ވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާމެދު ފާސްކުރި ޤަރާރަށްވެސް ފާޑު ވިދާޅުވެފައެވެ. ޔޫރަޕިއަން ޔޫނިއަނުން އެ ޤަރާރު ފާސްކުރީ، އެމްޑީޕީގެ ފަރާތުން ދޮގު މަޢުލޫމާތުތަކެއް ދީގެންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަލްހާން ވިދާޅުވީ، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ގެއްލުންވަނީ ރާއްޖޭގެ ރައްޔިތުންނަށްކަމަށެވެ. އެހެންކަމުން ބޭރުގައި ރާއްޖެ ބަދުނާމްކުރުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާލުމަށްވެސް އަލްހާން ގޮވާލެއްވިއެވެ.