އަތޮޅުތައް

އައްޑުއާއި ފުވައްމުލަކާ ދެމެދު ފެރީދަތުރުތައް އަލުން ފަށައިފި


ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް އައްޑޫ ސިޓީއާއި ފުވައްމުލަކާ ދެމެދު ކުރާ ފެރީދަތުރުތައް އަލުން ފަށައިފިއެވެ.މި ޚިދުމަތް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ. މި ޚިދުމަތް ދިނުމަށް ޙަވާލުކުރައްވާފައިވަނީ އެމްޕީއެލްއާއެވެ.މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ އައްޑޫ ސިޓީ ފޭދޫން، ފުވައްމުލަކަށް އަދި ފުވައްމުލަކުން ހުޅުދުއަށް ލޯންޗްގައި ދަތުރުކުރައްވާފައެވެ. މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ  ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، މި ޚިދުމަތް ފެށިގެން މިދިޔައީ އެމްޕީއެލްއާ ޙަވާލުކުރެވުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދަތުރުފަތުގެ ޚިދުމަތް ތަރައްޤީކުރެއްވުމަށް އެމްޕީއެލްއިން މަސައްކަތް ކުރައްވާނެކަމަށެވެ. އައްޑޫ، ފުވައްމުލަކުގެ ދަތުރުތަކުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ  30 މީހުންގެ ޖާގައިގެ ތިން ލޯންޗާއި، 18 މީހުންގެ ޖާގަ ހުންނަ އެއް ލޯންޗާއި، 150 މީހުންގެ ފައިބަރު ދޯންޏެކެވެ. މީގެތެރެއިން މިވަގުތު ފަތުރުކުރާނި 30 މީހުންގެ ޖާގައިގެ އެއްލޯންޗެކެވެ.އައްޑުއާއި ފުވައްމުލަކާ ދެމެދު ހަފުތާއަކު 3 ދުވަހު މި ލޯންޗް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ފެށީ ދޯނި ކޮންމެ ދުވަހަކު ފޭދުއާއި ހުޅުމީދުދާ ދެމެދު ދަތުރުކުރާނެއެވެ. ދަތުރުތަކުގެ ޑިމާންޑް އޮންނަ ވަރަކުން ދަތުރުތައް އިތުރކުރަން ވަނީ ހަމަޖެހިފައެވެ. މިއަދު ފެށި ދަތުރުތައް ވަރަށް މިކަމަށް ކަނޑައެޅިފައިވާ ނިޒާމެއްގެ ދަށުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަމަށް އެމްޕިއެލްއިން ބުނެއެވެ.