ޚަބަރު

"ރާއްޖެއަށް ކުރިމަތިވާ ނުރައްކަލަކީ ދުނިޔެއަށް އޮތް އަނދިރި އިންޒާރެއް"


މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ދިވެހިންނަށް އުޅުމުގެ ފުރުސަތު ނެތް ދުނިޔެއެއްގައި، ދިވެހިންގެ ނިމުންއަންނަގޮތް ވެގެންދާނީ އެހެން ޤައުމުތަކަށް ކުރިމަތިވާ ކަޅު، އަނދިރި އިންޒާރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޕް26 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެށްޓެވީ މޫސުމީ ގެއްލުންތަކުގެ ވާހަކަ، ކުޑަ ޖަޒީރާ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން، ތަފާތު އެތައް ފޯރަމެއްގައި ދައްކާފައިވާކަން ފާހަގަ ކުރައްވަމުންނެވެ. ރައީސް ވިދާޅުވީ، އެވާހަކަތަކުގައި އެކުލެވިގެންވަނީ، ދިވެހިންގެ ދިރިހުރުމާ ގުޅިފައިވާ، ނުހަނު ޚައްސާސް ކަމެއްގެ ވާހަކަތަކެއްކަމުން، ކޮންމެ ފަހަރަކުވެސް، މިވާހަކަތައް ތަކުރާރުކުރުން ނޫންގޮތެއް، ނެތްކަމަށެވެ.

މި ވާހަކަތައް އަޑުއަހާނީ ކޮން ކަމެއް ކުރައްވައިގެންތޯ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުވާލުކުރައްވާފައެވެ.
 
ދިވެހިރާއްޖެއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ޗާޓުން މުޅިން ފޮހެވިގެން ހިނގައިދާނެ، ބިންތިރި ޤައުމުތަކުގެތެރެއިން ޤައުމެއްކަމަށް ތިމާވެށީގެ މާހިރުން، ފާހަގަކުރައްވާ ވާހަކަ ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް މަޑުމަޑުން ތަޖުރިބާ ކުރަން ޖެހިފައިވާކަމަށެވެ.
 
"ފާއިތުވެދިޔަ މަހެއްހައިދުވަހު، އަޅުގަނޑު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރިން. އަޅުގަނޑު ޒިޔާރަތްކުރި 6 ރަށުގެ ތެރެއިން، ހުރިހާ ރަށެއްވެސް ދިޔައީ ރަށްގިރުމުގެ މައްސަލަ އިންތިހާ ދަރަޖައަށް ތަޙައްމަލުކުރަމުން. މި ދެންނެވި ރަށްގިރުމުގެ މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އެތައް އަސަރެއްގެ ތެރެއިން، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިއަދު ތަޙައްމަލުކުރަންޖެހިފައިވާ ނުރައްކާތަކުގެ ތެރެއިން، ހަމަ އެންމެ ކަމެއްގެ މިސާލު. އަޅުގަނޑުމެންގެ ރަށްތައް މިދަނީ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް، ރަށަކަށްފަހު ރަށެއް ޣަރަގުވަމުން." ރައީސް ވިދާޅުވިއެވެ.
 
ރައީސްވަނީ މިކަންތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، މި ހިނގާ ޤަރުނު ނިމިގެންދާއިރު، ދިވެހިރާއްޖެ ނޯންނާނެކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސްއިން، 2 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖެހިއްޖެނަމަ އެހީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އިއްވޭ މަރުގެ ހުކުމެއްކަމުގައި ރައީސް ސިފަކުރެއްވިއެވެ.
 
މިއީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރި ހުރަސްތައް ގިރާކުރުމަށް، ލިބޭ އެންމެ ފަހުފުރުސަތަށް ވެދާނެކަން އެންމެންނަށްވެސް އެނގޭކަމަށާ، މިފުރުސަތުގެ ބޭނުން ބޭކާރުކޮށްނުލުމަށް ރައީސްވަނީ ދުނިޔެއަށް ގޮވާލައްވާފައެވެ.