ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބަހާއި ޢަމަލާ ދިމާކުރަންޖެހޭ - ރައީސް


މޫސުމީ ބަދަލުތަކާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތުގައި ބަހާއި ޢަމަލާ ދިމާކުރުމަށް ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ޤައުމުތަކުން ގެންގުޅޭ ފިނި ވިސްނުމާމެދު ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެކަމަށް ފާޑުވިދާޅުވެފައެވެ.

ގްލާސްގޯވގައި މިހާރު ކުރިއަށްދާ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން، ކޮޕް26ގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ތިމާވެށީގެ ނުރައްކަލާ މެދު އަބަދު އެއްވާހަކަތަކެއް ދައްކަވަން ޖެހިވަޑައިގަންނަވާއިރުވެސް ޤައުމުތަކަށް މިކަމުގެ ނުރައްކަލާއި، ހުރި ބިރުވެރިކަން ވަޒަން ނުކުރެވޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ބޮޑެތި ޤައުމުތަކުން މިމައްސަލާގައި ގެންގުޅޭ ވިސްނުމާއި ބަސްމަގު ހުރިގޮތާއި ޢަމަލު ދިމާކުރުމަށް ގޮވާލައްވާފައެވެ. އަދި މިވަގުތަކީ ހަމައެކަނި ވާހަކަދައްކައިގެން ހަމަޖެހޭނެ ވަގުތެއް ނޫންކަމަށާއި ޤައުމުތަކުން ޙާސިލުކުރުމަށް ނިންމާ ލަނޑުދަނޑިތައް ހާމަކުރުމަކުން މިދަނޑިވަޅުގައި ނުފުދޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން މިކަމުގައި ދައްކަމުންދާ ނަމޫނާ ފާހަގަކުރައްވާ ބޮޑެތި ޤައުމުތަކުން މިއަށްވުރެ ބޮޑު އަދި ހަރުދަނާ ފިވަޅުތަކެއް އަޅަންޖެހޭކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި މީގެ ހަ އަހަރުކުރިން ތިމާވެށީގެ ދާއިރާއިން ކުދި ޖަޒީރާ ޤައުމުތަކަށް އެހީވުމަށް އެއްބަސްވި އެއްބަސްވުމަ ގާތަށްވެސް ދުނިޔޭގެ ބޮޑެތި ބާރުތަކަށް ޢަމަލުކުރެވިފައި ނުވާތީ ރައީސްވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ތިމާވެށީގެ ކުއްލި ޙާލަތެއްގައި މުޅި ދުނިޔެ އޮތް ދަނޑިވަޅެއްގައި އަޅަން ޤައުމުތަކުން ނިންމާ ފިޔަވަޅުތައް ވަޒަންކޮށް މޮނީޓަރ ކުރެވޭނެ ހަރުކަށި އުސޫލުތަކެއް އެކުލަވާލަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއީ މިފަދަ ބައްދަލުވުމުގެއްގައި ހުރިހާ ޤައުމަކަށް ބައިވެރިވެ ކުދިޖަޒީރާ ޤައުމުތައް ސަލާމަތްކުރުމަށް ޤައުމުތަކުގެ ޢަމަލު ބަދަލުކުރުމަށް ލިބޭ ފަހު ފުރުސަތަށްވެދާނެކަމުގެ ބިރުބޮޑުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ މިއަދު ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ބިރެއްކަމުގައިވީނަމަވެސް މިއީ ޙައްލުކުރުމަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ފިޔަވަޅު ނާޅައިފިނަމަ މާދަމާ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ ބައްދަލުކުރާނެ ޙަގީގަތްކަން އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ކޮޕްސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގްލާސްގޯވްއަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ މަތީފަންތީގެ އެކި ބައްދަލުވުންތަކުގައާއި އެކި އެކި ސައިޑް އިވެންޓުތަކުގައާއި އެކި ޤައުމުތަކުގެ ވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. ކޮޕްސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ މަތީފަންތީގެ ޑެލިގޭޝަނެއްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.