ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އިތުރު ދަޢުވާތަކާއެކު އަލުން ޕީޖީއަށް


ކޯވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި އެތަކެއްޗަށް ދެއްކި ފައިސާ ގެއްލުނު މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަލުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މީ މި މައްސަލާގައި ހިމެނޭ 11 މީހުންގެ މައްޗަށް ދަޢުވާކުރަން ފޮނުވި 2 ވަނަ ފަހަރެވެ. ވެންޓިލޭޓަރުގެ މައްސަލައިގެ ތަޙުޤީޤު ނިންމާ އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ ހުސެއިން ޝަމީމް ފުރަތަމަ ނިންމެވީ އެއްވެސް މީހަކަށް ދަޢުވާ ނުކުރުމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މިނިވަން މުވައްސަސާގެ ކޮމެޓީއަށް ޝަމީމު ހާޒިރުކޮށް ބައެއް ސުވާލުތައްކުރުމުން އެ މައްސަލަ އަލުން މުރާޖާކުރުމަށް ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވިއެވެ.

އޭސީސީން ވިދާޅުވީ މި މައްސަލަ އަލުން ތަޙުޤީޤުކޮށް ދަޢުވާކުރަން ފޮނުވީ ކުރިންވެސް ދަޢުވާކުރަން އެދުނު 11 މީހުންގެ މައްޗަށެވެ. އަދި އަލުން މައްސަލަ ފޮނުވީ ތަޙުޤީޤަށް ފާހަގަކުރެވުނު އިތުރު ކަންތައްތައް ހިމަނާ އިތުރު ދަޢުވާތަކާއި އެކުކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް އެދިފައިވާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި ހިމެނޭ 11 މީހުންގެ މައްޗަށް ކުރިން ދަޢުވާކޮށްދިނުމަށް އެދި ހުށައެޅި އެއްވެސް ނިންމުމަކަށް ބަދަލެއް ގެނެސްފައެއް ނުވާނެކަމަށްވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް ނުވަތަ އެއިން މީހަކާއި ގުޅުން އޮތް އެއްވެސް މީހަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އެކަން ފާހަގަކުރެވިފައިނުވާކަމަށް އޭސީސީން ވިދާޅުވެއެވެ. އެހެންނަމަވެސް ވެންޓިލޭޓަރު ގަންނަން ދިވެހި ދައުލަތުން ހޭދަކުރި ފައިސާ ދައުރުވި ގޮތް އަދިވެސް ބަލަމުން އަންނަކަމަށާއި އިތުރުކަމެއް ފާހަގަވެއްޖެނަމަ ވަކި މައްސަލައެއްގެ ގޮތުގައި އެކަން ތަޙުޤީޤު ކުރާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކޯވިޑްގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ބަޔަކާއިއެވެ. މި މައްސަލާގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ދައުލަތުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ނަމަވެސް އޭގެތެރެއިން ލިބިފައިވަނީ މަދު އެއްޗެކެވެ.