ކުޅިވަރު

ބަޖެޓް 2022: ކުޅިވަރު ކުރިއެރުވުމަށް 83 މިލިޔަން ރުފިޔާ


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް ބަޖެޓުގައި 83 މިލިޔަން ރުފިޔާ ހިނައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށާއި، ވަސީލަތްތައް ޤާއިމް ކުރުމުގެ އިތުރުން ޒުވާނުންގެ ކަންކަމަށްވެސް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް 83 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކުޅިވަރުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް 94.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބަޖެޓުގައި ޒުވާނުންގެ ކަންކަމަށްވެސް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. ޒުވާނުންގެ ކަންކަން ހަމަޖެއްސުމަށް ބަޖެޓުން 29.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެ ތެރޭގައި ޒުވާނުން ބާރުވެރި ކުރުމަށް 24.9 މިލިޔަން ރުފިޔާއާއި، ޒުވާނުންގެ ޞިއްޚަތާއި ދުޅަހެޔޮކަމަށް 1 މިލިޔަން ރުފިޔާއާއި، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް، 4 ލައްކަ ރުފިޔާ އަދި ޒުވަނުންގެ މަރުކަޒުތައް ހިންގުމަށް 3.2 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ދަނީ ޒުވާނުންގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޅިވަރު ވަސީލަތްތައް ބިނާކުރުމަށާއި، ކުޅިވަރު ތަރައްޤީ ކުރުމަށް ބޮޑު ހޭދައެއް ސަރުކާރުން ދަނީ ކުރަމުންނެވެ.