ޚަބަރު

ބަޖެޓް 2022 : ޕީއެސްއައިޕީގެ ބޮޑު ހޭދައެއް، މާލެ-ތިލަފުށި ބްރިޖަށް


ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގައި މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށްކަމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކަނޑައަޅައިފިއެވެ.

2022ވަނަ އަހަރަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް، ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅާފައިވަނީ 6273 މިިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ޕީއެސްއައިޕީގެދަށުން މުޅިން އަލަށް 287 މަޝްރޫޢުއެއް ފެށުމަށްވަނީ ހިމަނާފައެވެ. މިމަސައްކަތްތަކަށް 1342.6 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވަނީ ލަފާކޮށްފައެވެ. ހިނގަމުންދާ 431 މަޝްރޫޢު ހިމެނޭއިރު، މި މަޝްރޫޢުތަކަށް 3635.2 މިލިޔަން ރުފިޔާވަނީ ބަޖެޓްކޮށްފައެވެ.

ޕީއެސްއައިޕީއޭގެ އެންމެ ބޮޑު ޙޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މިކަމަށް 1747.9 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ މުޅި ޕީއެސްއައިޕީގެ %27.9އެވެ.

ދަތުރުފަތުރުގެ ދައިރާގެވެސް ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައިވަނީ މާލެ-ތިލަފުށި ބްރިޖް މަޝްރޫޢުއަށެވެ. އެއީ 663.4 މިލިޔަން ރުފިޔާއެވެ. މި މަޝްރޫޢުގެ ޗަރވޭގެ މަސައްކަތްތައް މިހާރުވަނީ ފަށާފައެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޓަރމިނަލް އަދި ރަންވޭގެ މަސައްކަތަށެވެ. އެއީ 560.8 މިލިޔަން ރުފިޔާއެވެ. ޑޮމެސްޓިކް ވައިގެ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަަތަށް 123.2 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް 425.3 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެތެރޭގައި މުޅިން އާ 41 މަޝްރޫޢު ހިމެނެއެވެ.

ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުއަށް ޕީއެސްއައިޕީގައި 21 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

އަދި ސަރުކާރުން މުޅިން އަލަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ހައި ސްޕީޑް ފެރީ ނިޒާމު އުތުރުގައި ފެށުމުގެ މަޝްރޫޢުއަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އުމްރާނީ ތަރައްޤީގެ ގިނަ ދާއިރާތަކަކަށް ޕީއެސްއެސްއައިޕީގައި ވަނީ ބަޖެޓްވަނީ ކަނޑައަޅާފައިވެއެވެ. ޕީއެސްއައިޕީބަޖެޓުގައި ދެން އެންމެ ބޮޑު ހޭދައެއް ކުރަނީ ފެނާ ނަރުދަމާއަށެވެ. ފެނާ ނަރުދަމާގެ މަޝްރޫޢުތަކަށް 954 މިިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ތިމާވެށި ރައްކާތެރިކުރުމަށް 932 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

ބިންހިއްކުމާ މަގުހެދުމުގެ މަސައްކަތްތަކަށް 617 މިލިޔަން ރުފިޔާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 600 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން ސިއްޙީ، ތަޢުލީމީ، މަސްވެރިކަމާ ދަނޑުވެރިކަން އަދި އެހެނިހެން ގިނަ ދާއިރާތަކަކަށް ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.