ޚަބަރު

ކޮޕް ސަމިޓާއެކު މޫސުމީ މައްސަލަތަކަށް ހޭދަކުރާ ފައިސާ އިތުރުކުރެވޭނެ: ޝައުނާ


މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކުން ކުރާ ހޭދަ ކޮޕް26 ސަމިޓުގެ ސަބަބުން އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޮޕް26 ސަމިޓުގެ ކުރިން އިނގިރޭސިވިލާތުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ކޮޕްސަމިޓާއެކު ރާއްޖެއިން ކުރެވޭ އުއްމިދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާކަމެއްކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ރަށްތައް އިންތިހާއަށް ގިރާ، ރާއްޖޭގެ ކޮންމެ ރަށެއްގެ ފެން ފަށަލަ ތަޣައްޔަރުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފަރުތަކުގެ ދިރުން ނެތިގެންދާ ހިސާބަށްވެސް ގޮސްފައިވާކަން ތަކުރާރުކުރައްވާ މިނިސްޓަރ ޝައުނާ ވަނީ، ރާއްޖޭގެ އަޑު އިއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެވެމުން އަންނަކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވަކާލާތު މިކުރަނީ މައިގަނޑު ގޮތެއްގައި ދެކަމަކަށް. އެއްކަމަކީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން. ދެވަނަ ކަމަކީ ރާއްޖެއާއި ރާއްޖެފަދަ އައިލެންޑް ނޭޝަންސްއަށް ލިބޭ ގެއްލުމުގެ ބަދަލާ އަދި އެކަންކަން ހައްލުކުރުމަށް ފައިސާ ޤައުމުތަކުން ވީހާވެސް އަވަހަށް ދޫކުރުމަކީ ވަރަށް މުހިންމުކަމެއް." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ޤައުމުތަކުން ތިމާވެށީގެ ކަންކަމަށް ހޭދަކުރުމަށް ވައުދުވެފައިވާ ފައިސާ އަވަހަށް ދޫނުކުރާނަމަ ރާއްޖެފަދަ ޤައުމުތަކަށް ލިބޭ އާމްދަނީ ޚަރަދުކުރަންޖެހެނީ ރަށްގިރުމާއި ފެންފަޝަލަ ތަޣައްޔަރުވުމާއި، އުދައެރުންފަދަ ބޮޑެތި ކަންކަން ހައްލުކުރުމަށްކަމަށް ޝައުނާ ވިދާޅުވިއެވެ.

"ކްލައިމެޓް ފައިނޭންސިންގަ އެޓަޕްޓޭޝަންއަށް ދޫކުރެވޭ ފައިސާގަ ޚާއްޞަ އަހަމިއްޔަތެއް ދެއްވާކަން މިހާރުވެސް ފާހަގަކުރެވޭ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ މިއީ އަޅުގަނޑުމެންގެ މަސައްކަތުން ހާސިލްކުރެވޭނެ ކަމެއްކަމަށްވާތީވެ އެޑަޕްޓޭޝަން ފައިނޭންސް އިތުރުކުރެވިގެން އަންނާނެކަމަށް." ޝައުނާ ވިދާޅުވިއެވެ.

ކޮޕް26 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މިހާރު ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ކުރިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ.

ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.