ޚަބަރު

ކުނިން ހަކަތަ އުފެއްދުމަށް ހިންގާ ފުރަތަމަ މަޝްރޫޢު އައްޑޫސިޓީގައި ފަށައިފި


އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ މެޝިން އެސިޓީއަށް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ "ވޭސްޓް ޓު އެނަރޖީ" ނިޒާމު ޤާއިމުކޮށްފައިވަނީ އައްޑޫ ސިޓީގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މިނިޒާމަށް ބޭނުންވާ މެޝިންތައް ކްލިއާކޮށް މިހާރު ނިމިފައިވާކަމަށެވެ. މެޝިންތައް އިންސްޓޯލްކޮށް ނިމުމުގެ މަސައްކަތް ނިމުމާއެކު އައްޑޫގައި ވަރަށް އަވަހަށް ކުނިން ހަކަތަ އުފައްދަން ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް އަންނަ މަންޒަރު ފެންނާނެ. އައްޑޫ ސިޓީގައި ކުނިން ހަކަތަ އުފައްދަން ބޭނުންވާ މެޝިނަރީޒް ވަނީ ކްލިއަރކޮށް ނިމިފައި. ދެން އެމަސައްކަތް އަނެއްހެން އެފެށުނީ."މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.


އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާރއާއެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މިއީ ގްރީން ފަންޑުން ހިންގާ ފުރަތަމަ މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭނުންވާ އިންސިނަރޭޓަރުތައް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މިނިޒާމާއެކު އައްޑޫގައި ގަޑިއަކު 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށާއި، އަދި އޭގެތެރެއިން 1 މެގަވޮޓްގެ ކަރަންޓު ފެނަކަ ކުންފުނީގެ ގްރިޑާ ގުޅާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިއާއެކު ތިމާވެށީގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަކަމަށްވާ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.