ޚަބަރު

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގްލަސްގޯގައި ބާއްވާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ވަޑައިގަތުމުން ނިއުކާސަލްގެ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާއާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނޭގޮތުން ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް-26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ މި ވަފްދުގައި ހިމެނޭ މަތީ ފަންތީގެ ބައެއް ބޭފުޅުންނާއެކު ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެކި ޤައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކޮޕް-26 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މިހާރު ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ކުރިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ.

ކޮޕް-26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މިސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.