ރިޕޯޓް

ނައިބު ރައީސް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި، އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ، އެތަނުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އައްޑޫ ސިޓީގައި ކުށްމަދުކޮށް އަމާން ވެށްޓެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުއްފިލުއްވާފައެވެ. އަދި ޕޮލިސް ސްޓޭޝަންގައި މިވަގުތު ހުރި ދަތިތަކަކީ ކޮބައިކަމާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިންގެ ފަރާތުން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، އިމާރާތުގެ ޖާގައިގެ ދަދިތަކަމާއި، ވަސީލަތްތަކުގެ ދަތިކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ވެހިކަލްގެ ދަތިކަން އެބޭފުޅުންވަނީ ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި، އެ ސްޓޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެތަންތަނުގެ މަސައްކަތްކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ހައި ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، ފޭދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، މަރަދޫ-ފޭދޫ ސްކޫލުގެ އިތުރުން ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ނައިބު ރައީސް ވަނީ އައްޑޫ ސިޓީގެ ސްކޫލުތަކުގައި މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަމާއި، އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޢުލޫމާތު އޮޅުއްފިލުއްވާ މަޝްވަރާކުރައްވާފައެވެ.