ޚަބަރު

ހިޔާ މަޝްރޫޢު: ފްލެޓް ލިބޭ މީހުން ކަނޑައެޅި ގޮތާއިގުޅޭ ތަހުގީގެއް ފަށައިފި


ކުރީގެ އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވި އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތައް ތަހުގީގުކުރަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އުސޫލުތަކާއި، ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅި ގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަންވެސް ތަހުގީގް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ހިޔާ ފްލެޓްތައް ހަވާލު ކުރުމާއި ގުޅޭގޮތުން އެކުލަވާލި ރިޕޯޓުވެސް ދިރާސާކޮށް، އޭގައި ފާހަގަކޮށްފައިވާ ކަންކަންވެސް ތަހުގީގް ކުރަމުންދާކަމަށް އޭސީސީން ބުނެއެވެ.

މިމައްސަލަތަކުގެ އިތުރުންވެސް ހިޔާ ފްލެޓްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެ. އޭގެތެރޭގައި ހިޔާ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރިއިރު، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑުއަގު ހުށަހެޅި ކުންފުންޏަށް މަޝްރޫޢު ހަވާލުކުރި މައްސަލައާއި، ދާދިފަހުން ހިޔާ ހައުސިންގ ޔުނިޓުގެ އަގުކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްވެސް އެކޮމިޝަނުން ދަނީ ދިރާސާކުރަމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނީ ވެރިކަން ބަދަލުވާން 2 މަސް ދުވަހަށް ވެފައިވަނިކޮށް ކުއްލި ގޮތަކަށެވެ. ފްލެޓް ލިބޭ މީހުން ކަނޑައެޅިއިރު، އޭރުގެ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އާއިލާތަކަށާއި ސިޔާސީ މަޤާމުތަކުގައާއި، އަދި އޭރުގެ ވެރިކަމަށް ނިސްބަތްވާ ގިނަ ބަޔަކަށް ފްލެޓް ލިބުނު މައްސަލަ ވަނީ ފެންމަތިވެފައެވެ.

ހިޔާ މަޝްރޫއުގެ 7000 ހައުސިން ޔުނިޓްގެ ފްލެޓްތަކަށް 22000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ފްލެޓް ލިބުނު މީހުންނަށް ޕޮއިންޓް ދިން ގޮތާއި ގުޅޭގޮތުން ހުރި ޝަކުވާތައް ބެލުމަށް ސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް 3،000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވެއެވެ.

ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. ނަމަވެސް ކުރީ ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 5600 ރުފިޔާ ދައްކާ ގޮތަށެވެ. މިކަމާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށެވެ. މި ރިޕޯޓުގައި އެޗްޑީސީން ހެދި ހިސާބުތަކާއި، މާލެ ސިޓީ ކައުންސިލުން ހެދި ހިސާބުތަކާއި، އަދި ކުރީގެ ހައުސިން މިނިސްޓްރީން ހެދި ހިސާބުތަކުގެ ތަފްސީލުތައްވެސް ވަނީ ހިމަނާފައެވެ.

ހުސްވާހަކަ

ރަށްރަށުގައި ދިރިއުޅެ މާލޭގައި ވަޒަންވެރިވެސްނުވާ ކިތަންމެ ބަޔަކަށް ހިޔާ ފްލެޓްދީފައި އެބަހުރި . އެމީހުންނަށް ފްލެޓް ދެވޭނެ ހަމައެއްނޯންނާނެ.