ތިމާވެއްޓަކީ އެކަމާމެދު އަރަމުން އަންނަ ޖީލު ވަރަށް ބޮޑަށް ލޯހުޅުވިފައިވާ ކަމަކަށް ވީނަމަވެސް ޢަމަލާއި ބަހާ ދިމާވަނީ ވަރަށް މަދު މީހެއްގެއެވެ. ޢަމަލާއި ބަހާ ދިމާކޮށްގެން އެހެން މީހުންނަށް މިމެސެޖު ދެމުން އަންނަ އަލްމާންގެ އެދުމަކީ ތިމާވެއްޓާމެދު އެންމެން ހޭލުންތެރިވުމެވެ. ކުޑަކުއްޖެއް ނަމަވެސް އަލްމާންގެ މެސެޖު ކުޑައެއް ނޫނެވެ.
އަންނަ އާދިއްތަ ދުވަހު ގްލާސްގޯގައި ބާއްވާ ތިމާވެށީގެ ސަމިޓު، ކޮޕް-26ގައި ރާއްޖޭގެ ޑެލިގޭޝަންގަައި އެންމެ ޚާއްސަ އަދި އެންމެ ވަރުގަދަ މެސެޖަކާއެކު ބައިވެރިވަނީ އުމުރުން ހަތް އަހަރުގެ ހަސަން އަލްމާން ޝުޖާއުއެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް ޢާއިލާއާއެކު ބީޗަށް ދިޔުމުގެ ތެރޭގައި މޫދަށާއި ބީޗް ސަރަޙައްދަށް ކުނި އަޅާފައި ހުންނަ މަންޒަރަކީ އަލްމާންއަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. އެތައް ދުވަހަކު އަލްމާންގެ ތުއްތު އަތުން ރަސްފަންނުގައި ހުރި ކުނިބުނި ހޮވާފައިވާއިރު މިކަމަށް ޙައްލެއް ގެނައުމަށް އަޑު އުފުލަންވެސް އަލްމާން ހުރީ ބޭނުންވެފައެވެ.
"މޫދަށް ކުނި އެޅީމަ މޫދުގަ ހުންނަ މުރަކަތައް މަރުވޭ. ގަސްތައްވެސް މަރުވެ ހުސްވެދާނެ. އަލްމާން އެއްވެސް ކުންޏެއް ނާޅަން. އެކަން ވަގުތުން ހުއްޓާލަންޖެހޭ އެންމެން. ޑައިވިންއަށް ގޮސްގެންވެސް މިކުނިތައް ނަގަން އެބަޖެހޭ. އެންމެ މީހަކު ގޮސްގެން އަދިއެއް ނުވާނެ. ދާކޮންމެ ފަހަރަކު އަދި ޑައިވްކުރާ މީހުން ގިނަވީވަރަކަށް ކުނި ނެގޭލެއް އަވަސްވާނެ." މޫދުގައި މިވަގުތު ހުރި ކުންޏާމެދު ތުއްތު އަލްމާންގެ ޙައްލަކީ މިއެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 1 ގައި ކިޔަވަމުން އަންނަ އަލްމާންގެ ހުވަފެނަކީ ބޮޑުވެގެން ޑެންޓިސްޓަކަށްވާށެވެ. މިއުއްމީދުގައި މަސައްކަތްކުރާއިރުވެސް ތުއްތު އަލްމާން އަންނަނީ ތިމާވެއްޓާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުމަށްވެސް މަސައްކަތް ކުރަމުންނެވެ. ތިމާވެއްޓާ ގުޅޭ އެކި އެކި މަޢުލޫމާތު އެއްކުރުމުގައި ޚާއްސަ ޝައުގެއް ހުންނަ އަދި އެވާހަކަތައް މީހުންނަށް ވަރަށް ތަފްސީލުކޮށް ކިޔައިދޭ އަލްމާން އަންނަނީ "އައިލެންޑް ބޯއި އަލްމާން"ގެ ނަމުގައި ސޯޝަލް މީޑިއާގައިވެސް މިމުހިއްމު މެސެޖު ހިއްސާކުރަމުންނެވެ.
އަލްމާންއަށް އެންމެ 6 އަހަރުގައި ތިމާވެއްޓާމެދު ހުރި ކަންބޮޑުވުން ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިވީޑިއޯގައި އަލްމާންވަނީ މޫސުމީ ބަދަލުތަކަކީ ހަގީގަތެއްކަމަށާއި އަލްމާންއާއި އަލްމާންގެ ރާއްޖެއާއި ދުނިޔެ ސަލާމަތްކުރުމަށް އެދިފައެވެ.
މިވީޑިއޯއަކީ 2019 ވަނަ އަހަރު ބޭއްވުމަށް ކުރިން ކަނޑައެޅި ކޮޕް ސަމިޓަށް އަލްމާންގެ މެސެޖު ގެންދިޔުމަށް ތައްޔާރު ކުރި ވީޑިއޯއެއް ނަމަވެސް ކޯވިޑާ ގުޅިގެން ސަމިޓު ކެންސަލްވުމުން ސޯޝަލް މީޑިއާއަށް އަލްމާންގެ މެސެޖު ދޫކޮށްލީއެވެ. އެހެންނަމަވެސް މި މެސެޖު ވެގެންދިޔައީ ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ އެކި އިދާރާތަކުގެ ލެންސުގައިވެސް އަޅައިގަތް މެސެޖަކަށެވެ. މިމެސެޖާއެކު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާވަނީ އަލްމާންއާއި ބައްދަލުކުރައްވާފައެވެ. އަދި ތިމާވެށީގެ ދާއިރާއިން އަލްމާންގެ ހުރި ކަންބޮޑުވުން މިނިސްޓަރ ޝައުނާ ވަނީ އަޑުއައްސަވާފައެވެ.
Alman (7 years) came to see me today and we talked about climate change, his concerns about what’s happening to our coral reefs because of global warming. He is also very concerned about plastic pollution. See you in #COP26 Alman ??, #islandboyalman #savemyisland pic.twitter.com/a9igAbB8mW
— Shauna Aminath ?❓ (@anuahsa) October 24, 2021
Alman is right!
— UN GA President (@UN_PGA) October 11, 2021
Climate change is real!
We CAN do more!
We CAN act now!
We CAN #Deliver4Climate!
Join me on 26 Oct 2021 at the General Assembly for one last push before #GlasgowCOP26. pic.twitter.com/wHEuJq9bAO
މިއަހަރުގެ ކޮޕް ސަމިޓުގައި އަލްމާން ބައިވެރިވަނީ ރާއްޖޭގެ ޑެލިގޭޝަނާއެކުގައެވެ. ޑެލިގޭޝަންގެ އެންމެ ކުޑައެއްކަމަކު އަލްމާންގެ މެސެޖާއި އާދޭސް ކުޑައެއް ނޫނެވެ. އަލްމާން އެދެނީ ދިވެހިރާއްޖެއާއި މި ދުނިޔެ ސަލާމަތްކުރުމަށެވެ. ކޮޕް ސަމިޓުގެ ކުޑަކުދިންގެ އިވެންޓުތަކުގައި އަލްމާން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކޮޕް ސަމިޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި އަލްމާން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަލީ
އަލްމާނުގެ ދުއާއިޖާބަ ކުރަށް ވާށިއެ.އާމީން