ޚަބަރު

ހިޔާއަށް 650 އާއިލާއިން ދިރިއުޅުން ބަދަލުކޮށްފި


ހިޔާ ފްލެޓްތަކަށް މިހާތަނަށް 650 ޢާއިލާއިން ދިރިއުޅުން ބަދަލުކޮށްފަވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހިޔާ ހައުސިންގ ޔުނިޓްތައް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ ޖުލައިމަހުގެ ފަހު ހަފްތާގައެވެ. ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރުމާއެކު އޮގަސްޓްމަހުގެ ތެރޭގައި ޢާއިލާތަކުންވަނީ އެމީހުންގެ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާފައެވެ.

ހިޔާ ހައުސިންގ ޔުނިޓްގައި ހިމެނެނީ 6720 ހައުސިންގ ޔުނިޓްއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވީ މިހާތަނަށް 650 އެއްހައި ޢާއިލާއިން ހައުސިންގ ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކޮށްފަވާކަމަށެވެ. މިއީ ގާތްގަނޑަކަށް 3000އަށްވުރެ ބޮޑު އާބާދީއެވެ.

ފްލެޓްތަކުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށްފަވަނީ ފިނިޝިން މަސައްކަތްތައް ނުހިމެނޭގޮތަށްކަމުން، ފްލެޓްތައް ވެރިންނާ ހަވާލުކޮށްފަވަނީ ފިނިޝިންގ މަސައްކަތްތައް ނުނިންމައެވެ. ނަމަވެސް ސަރުކާރުންވަނީ މިކަމުގައި، ފްލެޓްގެ ވެރިންނަށް ލުއިތަކެއް ދީފައެވެ.

އެގޮތުން ފުރަތަމަ ނިންމީ، ފިނިޝިންގ މަސައްކަތަށް 3 މަސްދުވަހުގެ މުއްދަތެއް ފްލެޓްތަކުގެ ވެރިންނަށް ދިނުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ. ފަހުންވަނީ އިތުރު ދެ މަސް އިތުރުކޮށް، މިއަހަރުގެ ނިޔަލަށް އެއްވެސް ފީއެއް ނުނަގާގޮތަށް ނިންމާފައެވެ. ހިޔާގެ މަހު ކުޅީގެ ގޮތުގައި ކަނޑައަޅާފަވަނީ 8500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ 1000ރުފިޔާ ހިމެނެއެވެ.

ފްލެޓްތަކުން ފީ ނަގަން ފެށުމުގެކުރިން އެތަނުގައި ޢާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެގޮތުން ފިހާރަ، ސުޕަމަރޓް، ކެފޭ، ރެސްޓޯރަންޓް އަދި ކްލިނިކާއި ފަރމަސީތައް ހެދުމަށް ޔުނިޓުތައް ދޫކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މިފަދަ ޚިދުމަތްތައް ޤާއިމުކުރަނީ ފްލެޓްތަކުގެ ގްރައުންޑް ފްލޯގައެވެ.

ހިޔާގެ ފުރަތަމަ ފިހާރަވަނީ މިމަހު ހުޅުވާފައެވެ. އަދި ހިޔާ ސަރަޙައްދަށް ސިއްޙީ ޚިދުމަތް ދިނުމަށް ކްލިނިކެއް ތަރައްޤީކުރަންވެސް މިހާރުވަނީ ފަށާފައެވެ. މި ޚިދުމަތް 3 މަސްދުވަހުގެތެރޭ ފަށަން ޖެހެއެވެ.

މީގެއިތުރުން ފްލެޓް ސަރަޙައްދުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށްވެސްވަނީ އިޢުލާންކޮށްފައެވެ. އެޗްޑީސީން މިހާރުވަނީ ހިޔާ ސަރަޙައްދަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތްވެސް ފަށާފައެވެ.

ހިޔާގެ 16ޓަވަރު ތަރައްޤީކުރީ 7000ހައުސިންގ ޔުނިޓާއެކުއެވެ. ނަމަވެސް އާއްމު ޚިދުމަތްތަކަށް ފްލެޓްތަކުގެ ގްރައުންޑް ފްލޯ ކަނޑައެޅުމާ ގުޅިގެން ޔުނިޓްތަކުގެ އަދަދުވަނީ 6720އަށް މަދުކޮށްފައެވެ. ހިޔާގައި ފްލެޓްތަކުގައި ދިރިއުޅޭ ޖުމްލަ އާބާދީ 40،000އިން މައްޗަށް އަރާނެކަމަށް ބެލެވެއެވެ.