ދުނިޔޭގެ ވިޔަފާރި

އޮސްޓްރޭލިއާގެ ރަށްވެހިންނަށް ޤައުމުން ބޭރަށް ދަތުރުކުރުމަށް ލުއިތަކެއް


ވެކްސިން ފުރިހަމަކޮށްފައިވާ އޮސްޓްރޭލިއާގެ ރަށްވެހިންނަށް ޙާއްސަ ހުއްދައަކާއި ނުލައި ޤައުމުން ބޭރަށް ދަތުރުކުރެވޭ ގޮތަށް ލުއި ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

މި ލުއިދޭން އޮސްޓްރޭލިއާ ސަރުކާރުން ނިންމީ އެޤައުމުގައި ވެކްސިން ފުރިހަމަކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ. އޮސްޓްރޭލިއާގެ ރަށްވެހިންނަށް ޙާއްސަ ހުއްދައެއް ނެތި ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮންނަތާ މިހާރު 18 މަސްދުވަސްވެއްޖެއެވެ.

މި ހަރުކަށި ފިޔަވަޅާއި ގުޅިގެން އޮސްޓްރޭލިއާ ރަށްވެހިންގެ ތެރެއިން ޤައުމުން ބޭރުގައި ދިރިއުޅޭ ފަރާތްތަށް އަނބުރާ ޤައުމަށް ނާދެވިފައި ތިބޭތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

އޮސްޓްރޭލިއާގައި ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު މަދުވެ، ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކުގެ އަދަދުވެސް އިތުރުވަމުންދާއިރު، އެޤައުމުގެ އެކި ސްޓޭޓްތަކުގައި ދަނީ ދަތުރުފަތުރުކުރުމުގައި ލުއިތަށް ދެމުންނެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިޑްނީއަށް ދަތުރުކުރެވޭ އިންތިޒާމުވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

ސިޑްނީ ހިމެނޭ ނިއުސައުތު ވޭލްސް ސްޓޭޓްގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވީ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެ ސްޓޭޓްގެ ސިޓީތަކަށް ކަރަންޓީންވުމަކާއި ނުލައި ދަތުރުކުރެވޭނެކަމަށެވެ. ނަމަވެސް މިވަގުތު މި ލުއި ލިބޭނީ އެޤައުމުގެ ރައްޔިތުންނަށްކަމަށްވެސް ނިއުސައުތު ވޭލްސް ސްޓޭޓްގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

މީގެއިތުރުން އޮސްޓްރޭލިޔާގެ ވިކްޓޯރިއާ ސުޓޭޓުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް މިމަސްތެރޭ ލުއި ދީފައިވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓީންވުމަކާއި ނުލައި މެލްބަންއަށް ދަތުރުކުރެވޭނެއެވެ.

އޮސްޓުރޭލިޔާއަކީ ދުނިޔޭގައި ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ އެއް ޤައުމެވެ. އޮސްޓްރޭލިއާގެ 16 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތައާއި ގާތްކުރާ އަދަދަކަށް މީހުން ކޯވިޑް ވެކްސިން މިހާރު ފުރިހަމަކޮށްފައިވާއިރު، އެޤައުމުން މިހާރު ތައްޔާރުވަމުންދަނީ 18 އަހަރުން މަތީގެ މީހުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ދޭން ފެށުމަށެވެ.