ވިޔަފާރި

ޗައިނާގައި ރާއްޖެއިން ބޭއްވި ރޯޑްޝޯ ނިންމާލައިފި


ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެ ޤައުމުގައި ރާއްޖެ އިސްތިހާރު ކުރުމަށް ރާއްޖެއިން ބޭއްވި ރޯޑްޝޯތައް ނިންމާލައިފިއެވެ.މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީ އާއި މެގަ މޯލްޑިވްސް ގުޅިގެން 3 ދުވަހަށް ޗައިނާގެ 3 ސިޓީއެއްގައި ކުރިއަށްގެންދިޔަ މި ރޯޑްޝޯތައް ނިންމުމަށްޓަކައި ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާރިސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބޮޑަށް ހިއްސާކުރާ އެއް ޤައުމުކަމަށާއި މިއަހަރުވެސް އެއްތިރީސް އިންސައްތައަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.ހާރިސް ވިދާޅުވީ އަންނަ އަހަރު "ވިޒިޓް މޯލްޑިވްސް އިޔާ 2016" ރާއްޖޭގައި ފާހަގަކުރާ އިރު އެ ހަރަކާތުގައި ފަތުރުވެރިންނަށް ޚާއްސަކޮށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާކަމަށެވެ. އަދި އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށްވެސް ހާރިސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީ އާއި އެމްއޭސީއެލް އަދި މެގަ މޯލްޑިވްސް އިން ވަނީ ޕްރެޒެންޓޭޝަނެއް ހުށައަޅާދީފައެވެ. މި ރޯޑް ޝޯތައް ބާއްވާފައިވަނީ ޗައިނާގެ ތިން ސިޓީއެއް ކަމަށްވާ ޝެންގހާއި، ޒެންގްޒޯ އަދި ބެއިޖިންގައެވެ.ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޗައިނާގައި ރޯޑް ޝޯއެއް ބާއްވާފައިވާއިރު، ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ބޮޑު ހިއްސާއެއް އޮންނަ ޔޫރަޕްގެ މާކެޓް އިތުރަށް ވަރުގަދަކުރުމަށްވެސް ޓުއަރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި "ވިޒިޓް މޯލްޑިވްސް އިޔާ 2016"، ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި އަންނަ އަހަރު ފާހަގަ ކުރުމަށް ނިންމާފައިވާއިރު، މިކަމާއި ގުޅިގެން ފަތުރުވެރިކަމާއި ގުޅުންހުރި ފަންސާހަކަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށްވެސް ޓްއަރިޒމް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.