ކުޅިވަރު

ޒުވާން ޓީމު އިރާގު އަތުން ބަލިވެއްޖެ


އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ އިރާގާއި ވާދަކޮށް 4 ލަނޑު 0 ލަނޑުންނެވެ. މިއީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ އިރާގާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗެވެ. 2015ވަނަ އަހަރުގެ ކޮލިފައިންގައި ރާއްޖެއިން އިރާގާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ.

ބަހްރެއިންގެ އަލް މުހައްރައްގު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އިރާގުންވަނީ މެޗްގެ ވަރަށް ކުރީކޮޅުގައި ލަނޑު ޖަހައި ލީޑް ނަގާފައެވެ. އިރާގުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލްރިޛާ، އަހުމަދު ސަރްތީޕާއި ވަކާ ރަމްދާން ޖުމާހުއެވެ. އަހުމަދު ސަރްތީޕް މެޗްގެ ދެވަނަ ލަނޑުޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ރަމްދާން ޖުމާހު ދެވަނަ ހާގްފައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ، ވަނީ ދެ ގޯލް ޖަހާފައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގައި ކުރިން އިރާގު، ބަޙްރެއިން އަދި އަފްޣާނިސްތާން އޮތް ނަމަވެސް، އަފްޣާނިސްތާނުން، ކޮލިފައިންގެ މެޗްތައް ކުރިއަށްދާ ގައުމް ބަޙްރެއިންއަށް ނުތާދީ، ކޮލިފައިންގައި ރާއްޖެއިން ކުޅޭނީ އެންމެ މެޗެކެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު ބަހްރެއިނާ ދެކޮޅަށް ކުޅޭ މެޗެވެ. ދެވަނަ މެޗްގައި ބަހްރެއިނާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، 2015ވަނަ އަހަރުގެ 23 އަހަރުން ދަށުގެ ކޮލިފައިންގައިވެސް ރާއްޖެއިންވަނީ ބަހްރެއިނާ ދެކޮޅަށް ކުޅެފައެވެ. އެމެޗުން ރާއްޖެ ބަލިވީ 3 ލަނޑު 0 ލަނޑުންނެވެ.