ޚަބަރު

ރައީސްގެ ދެކަނބަލުން "އެކްސްޕޯ 2020"އަށް ޒިޔާރަތް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނަރަލް، ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާންއެވެ.

ދުބާއީ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ޝަރަފުގައި އެކްސްޕޯގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އެކްސްޕޯ 2020އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ ހަރަކާތެކެވެ. މިއެކްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020އިން 10 އެޕްރީލް 2021އަށެވެ. އެހެންނަމަވެސް ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން މިއެކްސްޕޯ ކުރިއަށްގެންދިއުން ވަނީ ލަސްކޮށްފައެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ2020 ގެ ޝިއާރަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން "އެކްސްޕޯ 2020"ގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް 3 އިންވެސްޓްމަންޓް ފޯރަމް ބާއްވަން ނިންމާފައިވާއިރު، މީގެ ތެރެއިން ފުރަތަމަ ފޯރަމް އިފްތިތާޙްކޮށްދެއްވައި އެފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާނެއެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދަން ނިންމާފައިވާއިރު، މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަޒީރުން މިއަދުވަނީ ރައީސްގެ އަރިހުގައި ޔޫއޭއީއަށް ފުރާވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އަދި 27 އޮކްޓޫބަރު 2021ވާ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.