ޚަބަރު

"އެކްސްޕޯ2020"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ދުބާއީއަށް


ދުބާއީގައި ބާއްވާ "އެކްސްޕޯ2020"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ ޢަޙްމަދު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވާ މިދަތުރުފުޅަކީ ދުބާއީގައި ކުރިއަށްދާ "އެކްސްޕޯ2020"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރު ފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުން ހިމެނޭހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއެވެ.

މިދަތުރުފުޅުގައި، އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 26 އޮކްޓޫބަރު 2021ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ސުވާލާއި ޖަވާބުގެ ޕެނަލެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ ހަރަކާތެކެވެ. މިއެކްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020އިން 10 އެޕްރީލް 2021އަށެވެ. އެހެންނަމަވެސް ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން މިއެކްސްޕޯ ކުރިއަށްގެންދިއުން ވަނީ ލަސްކޮށްފައެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ2020 ގެ ޝިއާރަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން "އެކްސްޕޯ 2020"ގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް 3 އިންވެސްޓްމަންޓް ފޯރަމް ބާއްވަން ނިންމާފައިވާއިރު، މީގެ ތެރެއިން ފުރަތަމަ ފޯރަމް އިފްތިތާޙްކޮށްދެއްވައި އެފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާނެއެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދަން ނިންމާފައިވާއިރު، މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަޒީރުން މިއަދުވަނީ ރައީސްގެ އަރިހުގައި ޔޫއޭއީއަށް ފުރާވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އަދި 27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.