ރިޕޯޓް

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ އަދަދު ހާހަކަށް އަރާ


ދިވެހިންނާއި ކައިވެނިކޮށްގެން
ރާއްޖޭގައި ރެސިޑެންޓް ވިސާގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އެއްހާހާ ގާތްކުރާ
ކަމަށް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. ރެސިޑެންޓް ވިސާއަކީ ދިވެހިންނާއި ކައިވެނި ކުރާ ބިދޭސީންނަށް ރާއްޖޭގައި
ދިރިއުޅުމަށްދޭ ވިސާއެކެވެ.



މިއަދަދަކީ ބައިނަލް އަގުވާމީ
ގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހެވެ. ދިވެހި ބިދޭސީ ކައިވެންޏަކީ
ދެވަނައަށް ރާއްޖޭގައި އެންމެ ގިނަ ބިދޭސީން ދިރިއުޅޭ ސަބަބެވެ. އިމިގްރޭޝަންގެ
ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރެސިޑެންޓް ވިސާގައި ދިރިއުޅޭ ބިދޭސީންގެ
އަދަދަކީ ނުވަސަތޭކަ ހަތްދިހަ އަށެކެވެ.



ރާއްޖޭގައި އެންމެ ގިނަ ބިދޭސީން
ދިރިއުޅެނީ ވޯކްވިސާގައެވެ. މައިގަނޑު ގޮތެއްގައި ކޮންސްޓްރަކްޝަނާއި، ގޭތެރޭގެ
މަސައްކަތްތަކަށް އައިސް ރާއްޖޭގައި މިހާރު ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު
މިހާރުވަނީ އެއްލައްކަ ތިރީސް ފަސްހާހަށް އަރާފައެވެ. އަދި އެއްވެސް ރެކޯޑަކަށް
ނާރާ، ގަވާއިދާ ޚިލާފަށް ސާޅީސްހާހާ ގާތްކުރާ އަދަދަކަށް ބިދޭސީން ރާއްޖޭގައި އުޅޭ
ކަމަށް އިމިގްރޭޝަނުން އަންދާޒާ ކުރައްވައެވެ.



އިމިގްރޭޝަން ޑިޕާޓްމެންޓްގެ ޗީފް
ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އިބްރާހިމް އަޝްރަފް ވިދާޅުވީ ދިވެހިންނަށް
އަދާކުރެވިދާނެ ފަދަ ވަޒީފާތަކަށް ބިދޭސީން ގެނައުން ވީހާވެސް މަދުކުރުމަށް
މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.



ދިވެހިރާއްޖޭގައި ގިނަ ޢަދަދެއްގެ
ބިދޭސީން ތަފާތު އެކި ބޭނުމުގައި ދިރިއުޅޭއިރު އެމީހުންނާ މެދު ކުރެވޭ
ތަފާތުކުރުންތަކުގެ ސަބަބުން އެބައިމީހުންގެ އިންސާނީ ހައްގުތަކާއި އަސާސީ
މިނިވަންކަމާއި ދިރިއުޅުމުގެ ކަންކަން ހަމަހަމަ ކަމާއެކު ލިބުމަށް ހުރަސް އެޅޭ
ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއެވެ. 

މި ތަފާތުކުރުންތައް ނައްތާލާ
އެފަރާތްތަކުގެ ހައްގު ކަށަވަރުކުރުމަށް ހިއުމަން ޓްރެފިކިންގގެ ގާނޫނު އޭގެ
ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް
އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ރައްދުވާ ގޮތަށް
ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުމަށާއި އިހާނެތި އަމަލުތައް ނުހިންގުމަށް
މުޖްތަމައުގެ އެންމެހާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ
ގޮވާލައްވާފައެވެ.