ޚަބަރު

"މުޙައްމަދު ޤާސިމް ޕްރީ ސްކޫލް" ހުޅުވައިފި


ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރި ފުރަތަމަ ޕްރީ ސްކޫލް "މުޙައްމަދު ޤާސިމް ޕްރީ ސްކޫލް" ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ހުޅުއްވައިދެއްވައިފިއެވެ. މިސްކޫލަކީ މއ.ފީރުމުރަގަގެ ޢަލީ ފިރާޤު އޭނާގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު ޤާސިމުގެ ހަނދާނުގައި ޢިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެކެވެ. މާލެ ސަރަހައްދުގައި ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ހުޅުވި މި ސްކޫލްގައި މިހާތަނަށް 22 ކުދިންވަނީ ރަޖިސްޓްރީކޮށްފައެވެ.

މި ޕްރީ ސްކޫލް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ފަހަރެއްގެ މަތިން އިއުލާންކުރުމަށްފަހު، ފަހުން ނިންމާފައިވަނީ ސީދާ މިނިސްޓްރީގެ ދަށުން އެސްކޫލް ހިންގުމަށެވެ. އަދި އިމާރާތުގެ މަރާމާތުތައް 45 ދުވަހުގެތެރޭގައި ނިންމުމަށް ކުންފުންޏަކާ ހަވާލުކުރީ އޮގަސްޓްމަހުގެ ތެރޭގައެވެ.

މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގައި 10 ކްލާސްރޫމް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި މި ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ޕްރީ ސްކޫލެކެވެ. ސްކޫލްގައި 20 ޓީޗަރުން ކިޔަވައިދޭނެއެވެ.

މި ސްކޫލް ހުޅުވުމަށް ބެއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މި ސްކޫލަކީ ހަމައެކަނި ތުއްތު ކުދިންނަށް ޚާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ފުރަތަމަ ސްކޫލްކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް ޚަދީޖާ ހުސެއިން ވިދާޅުވީ އާބާދީ އިތުރުވަމުން އަންނަ ހުޅުމާލެއަށް ޚާއްސަކޮށްގެން ޕްރީ ސްކޫލެއް ތަރައްޤީ ކޮށް ކިޔަވައިދިނުމަކީ ހުޅުމާލެއަށްވެސް ލިބޭނެ އިތުރު ކުރިއެރުމެއްކަމަށެވެ. އޭނާ ވިދާޅުވީ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ސަރުކާރުން ސްކޫލެއް ހުޅުވުމުން ސަރުކާރުން ޅަފަތުގެ ތަޢުލީމަށް ދެއްވާ އަހައްމިޔަތު ފެނިގެންދާކަމަށެވެ.

މިސްކޫލްގައި ކުރިއަށްގެންދާނީ އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީގެ ކްލާސްތަކެވެ. މިނިސްޓްރީން ވިދާޅުވީ މި ޕްރީ ސްކޫލަށް ވައްދާ ދަރިވަރުންގެ ޔުނިފޯމްގެ ގޮތުގައި، މިހާރު ދަރިވަރު ކިޔަވަމުންދާ ސްކޫލްގެ ޔުނިފޯމް މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލް ފެށޭއިރު "މުޙައްމަދު ޤާސިމް ޕްރީ ސްކޫލް"ގެ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ސްކޫލްގެ ދަންފަޅިތައް ހަމަޖައްސާނީ ގްރޭޑްތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތުންކަމަށެވެ. އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މި ޕްރީ ސްކޫލްގައި، މިއަހަރުގެ ދިރާސީ އަހަރު ފެށި އިރު ކިޔަވައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން އެތަން ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރަންޖެހުމުން ކިޔެވުން ފެށުން ލަސްވެގެން ދިޔައީއެވެ.

ކޮމްޕިއުޓަރ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއްވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައެވެ.