ޚަބަރު

ޓެކްސީ ޑްރައިވަރުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި


ޓެކްސީ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނަށާއި ޓެކްސީ ޚިދުމަތުގައި ދެމިތިބި މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މިއީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި މަހުގެ 17 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންވަނީ މައުލޫމާތު ދީފައެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގައި 121 މީހުން ބައިވެރިވެފައިވެއެވެ. އަދި ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމުގައި 51 މީހުން ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީން ޕްރޮގްރާމެކެވެ. އަދި މިއީ މިއަހަރު ހިންގި މިފަދަ ތިން ވަނަ ޕްރޮގްރާމެއެވެ.