ޚަބަރު

ގުރައިދޫ މަރުކަޒުުން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ ތަން ލޮކްޑައުންކޮށްފި


ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަރުކަޒަށް ވެދެ ނުކުތުން މަނާކޮށްފިއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީހުން ކޯވިޑް ފެސިޓީއަށް ބަދަލުކޮށް އެނޫން ފަރާތްތައް މަރުކަޒުގައި އައިސޮލޭޓް ކޮށްފައިވާކަމަށެވެ.

ގުރައިދޫ މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗް.ޕީ.އޭގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ މަރުކަޒުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުން ކޯވިޑަށް ޓެސްޓްކޮށްފައިވާކަމަށެވެ. އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެންޖެހޭ އެންމެންނަށް ވެސް ފަރުވާ ދެވެމުންއަންނަކަމަށެވެ.

ގުރައިދޫ މަރުކަޒުގެ ކޯވިޑްގެ ހާލަތު އާންމު ހާލަތަކަށް އަނބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާއި ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތު ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ


އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ސިއްހީ މަރުކަޒާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް ގުރައިދޫއަށް ޖަމާކުރުމުގެ މަސައްކަތް ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާ، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒު ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ރައްކާތެރިކަމަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު ވަނީ އެމަރުކަޒަށް ގެންގޮސްފައެވެ. އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް މާދަމާ މަރުކަޒަށް ގެންދެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ޚާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ޚިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށެވެ.

މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓު ދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލް ވާކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީގެ ޓީމެއް، ކޯވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.