ޚަބަރު

ފެނާއި ނަރުދަމާއާއެކު ކަނޑޫދޫގެ ތަރައްޤީއަށް އިތުރު ދިރުމެއް


ތ.ކަނޑޫދޫއަކީ ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ. ފަތުރުވެރިކަމަށް ރަށް ހުޅުވާލުމަކީވެސް ރަށުގެ ރައްޔިތުންގެ އުއްމީދެކެވެ. އެހެންނަމަވެސް މިހުރިހާ ކަމަކަށްވެސް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ފެން ލޮނުވުމާއި ރަނގަޅު ނަރުދަމާ ނިޒާމެއް ނެތުމެވެ.

އާބާދީގައި ގާތްގަނޑަކަށް 670 މީހުން ދިރިއުޅޭ ކަނޑޫދޫއަކީ މީސްކޮޅު މަދުނަމަވެސް ރާއްޖޭގައި ނަންވިދާ ރަށެކެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ބާޒާރުގައި ކަނޑޫދޫ މިރުހަށް ލިބިފައިވާ ޖާގަ އެހެން މިރުހަކަށް ނެތެވެ. ދަނޑުވެރިކަމުގެ އިތުރުން ގުދުރަތީ ރީތިކަމެއް ލިބިފައިވާ ކަނޑޫދޫއަށް ލޯކަލް ޓޫރިޒަމް ތަޢާރަފްކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ ތަރައްޤީގެ އެކި ދާއިރާތަކަށް ކަނޑޫދޫ ހުޅުވާލުމަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރަށުގެ ފެން ލޮނުވުމާއި އެކަށީގެންވާ ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތުމެވެ.

ރީހާން ވިދާޅުވީ މިމައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން މިހާރު އެރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރީހާން ވިދާޅުވީ 4 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ ދަށުން ވަޅުލަންޖެހޭ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަސައްކަތްކުރާ ފަރާތުން އަޅުގަނޑުމެންނަށް އެންމެ ފަހުން މަޢުލޫމާތު ދެއްވި ގޮތުގައި މިޕްރޮޖެކްޓްގެ ހުރިހާ މަސައްކަތެއް ނިންމާ މިއަހަރުގެ ޑިސެމްބަރުމަހު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ."ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވިއެވެ.

ރީހާން ވިދާޅުވީ އެރަށުގެ ދަނޑުވެރިން ބޭނުންކުރަމުން އަންނަ ފެނުގެ ކޮލިޓީ ރަނގަޅުވުމުން އޭގެ ހެޔޮ ފައިދާ ރަށުގެ ދަނޑުވެރިކަމަށްވެސް ކުރާނެކަމަށެވެ.

ކަނޑޫދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވޯޓަރ އިންޖިނިއަރިން ސަރވިސަސް އެފް.ޒެޑް.އީއާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ.

މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުއިދިނުންވެސް ހިމެނެއެވެ. މިމަޝްރޫޢަކީ 19 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފެނާއި ނަރުދަމާގެ އިތުރުންވެސް އެރަށުގައި ތަރައްޤީގެ 7 މަޝްރޫޢެއްގެ މަސައްކަތް މިވަގުތު އެކި މަރުޙަލާގައި ކުރިއަށްދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.