ޚަބަރު

ޒުވާން އާބާދީގެ %56އަކީ ވަޒީފާ ނެތް އަދި ތަޢުލީމީ ގޮތުންވެސް ޙަރަކާތްތެރި ނޫން ޒުވާނުން


ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 56 އިންސައްތައަކީ ވަޒީފާ ނެތް އަދި ތަޢުލީމީ ގޮތުންވެސް ޙަރަކާތްތެރި ނޫން ޒުވާނުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި އަންހެނުންގެ ނިސްބަތް އިތުރު ކަމަށްވެެސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ 257215 އެވެ. މިއީ މުޅި އާބާދީގެ 45 އިންސައްތައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ދެ އިންސައްތައިގެ ކުރިއެރުމެކެވެ. މީގެތެރޭގައި ހިމެނެނީ 188092 ފިރިހެނުންނާއި 69123 އަންހެނުންނެވެ.

މިއާބާދީގެ ތެރެއިން 41 އިންސައްތަ އަންހެނުން އަދި 15 އިންސައްތަ ފިރިހެނުންނަކީ ވަޒީފާ އަދާ ނުކުރާ އަދި ތަޢުލީމުވެސް ޙާސިލުކުރަމުން ނުދާ މީހުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކައެވެ. އަންހެނުންގެ ނިސްބަތް މަތީގައި ހުރިކަމަށް ބެލެވެނީ ގޭތެރޭގައި ޢާއިލާގެ ޚިދުމަތުގައި ގިނަވަގުތު ހޭދަވެގެންދިޔުން ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ލަފާކުރެއެވެ.

މުޅި އާބާދީގެ ނިސްބަތުން ބަލާއިރު ޢާމްދަނީ ލިބޭ މަސައްކަތް ކުރަނީ 89956 ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގެ ތަޢުލީމީ ފެންވަރަށް ބަލާއިރު 12 އިންސައްތަ ޒުވާނުންވަނީ މަތީ ތަޢުލީމު ޙާސިލުކޮށްފައެވެ. އަދި 77 އިންސައްތައަކީ ސާނަވީ އަދި މަތީ ސާނަވީ ޙާސިލުކޮށްފައިވާ މީހުންނެވެ.

ތަޢުލީމީ ޒުވާނުންގެ ވަޒީފާ ނެތުމަކީ އިޤްތިސާދަށް އޭގެ ނުރައްކާ ބޮޑުވެގެން އަންނާނެކަމެކެވެ. އެހެންކަމުން ދުޅަހެޔޮ އިޤްތިސާދެއް ޤާއިމުކުރުމަށް ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެންޖެހެއެވެ. ހަމައެއާއެކު ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކުން ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ހުޅުވާލަންޖެހެއެވެ. މިއަމާޒަށް ވާސިލުވުމަށް މުވައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ވަޒީފާގެ ބާޒާރަށް ކުރިމަތިވީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިދިޔަ އަހަރު ކުރިމަތިވީ ކޯވިޑްގެ ސަބަބުން އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާއަށް އަސަރުކުރުމެވެ.