ކުޅިވަރު

ޒުވާނުންގެ ދުވަހާގުޅިގެން ކުޅުދުއްފުށީ ސިޓީގައި ސައިކަލް ރޭހެއް ބާއްވައިފި


މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުޅުދުއްފުށީ ސިޓީގައި ސައިކަލް ރޭހެއް ބާއްވައިފިއެވެ.

މިރޭހުގެ އަންހެން ކެޓަގަރީގައި ކުރިއަށް ގެންދިޔައީ އެންމެ އިވެންޓެކެވެ. އެއިވެންޓުގެ ޗެމްޕިއަންކަން ޖުވެރިއްޔާ މުޙައްމަދު ހޯދީ ފައިނަލް ރޭހުގައި ދެބުރުންވެސް މެގްމާ ރޭސިންގެ ޔަމްނަލް އަލީ ބަލިކޮށްގެންނެވެ. މިކެޓަގަރީގައި ޖުމްލަ 9 މީހުން ވާދަކުރިއެވެ.

ފިރިހެން ކެޓަގަރީގެ 125 ސީސީގެ ޗެމްޕިއަންކަން ހޯދީ މެގްމާ ރޭސިންގެ އަހުމަދު އަމީޒެވެ. އަމީޒު މިބައިގެ ޗެމްޕިއަންކަން ހޯދީ ފްރީ ރައިޑާސްގެ ހުސެން އުމަރު ބަލިކޮށްގެންނެވެ. ފިރިހެން ކެޓަގަރީގައި ޖުމްލަ 34 މީހުން ވާދަކުރިއެވެ.

135 ސީސީގެ ޗެމްޕިއަންކަން ހޯދީ ދޮން އިބްރާހިމް ރޭސިންގެ އިބްރާހިމް އަލީއެވެ. އިބްރާހިމް އަލީ މިރޭސް ކާމިޔާބުކުރީ އޮރި މޮޓޯސްގެ އަހުމަދު ހުސެން ބަލިކޮށްގެންނެވެ. އިބްރާހިމް އަލީ ސައިކަލަށް އަންނަނީ މިމުބާރާތުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވަމުންނެވެ. 150 ސީސީގެ ޗެމްޕިއަންކަން ހޯދީ ބީސްޓް ކްރޫގެ މުހައްމަދު އަނީޒްއެވެ. އަނީޒް މިބައި ކާމިޔާބުކުރީ މެގްމާ ރޭސިންގެ މުހައްމަދު ނާޖިހް ބަލިކޮށްގެންނެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ސައިކަލު ރޭހުގެ ރޯޑް ކިންގްކަން ދޮން އިބްރާހިމް ރޭސިންގެ އިބްރާހިމް އަލީ ހޯދީ ފައިނަލުގައި ބީސްޓް ކްރޫގެ މުހައްމަދު ހުމާމް ބަލިކޮށްގެންނެވެ. ހުމާމް ފައިނަލަށް ދަތުރުކޮށްފައިވަނީ ބީޑީ ރޭސިންގެ ހުސެއިން ސިޔާން ބަލިކޮށްގެންނެވެ. އަދި އިބްރާހިމް އަލީ ފައިނަލަށް ދަތުރުކޮށްފައިވަނީ ފްރީ ރައިޑާސްގެ ހުސެން އުމަރު ބަލިކޮށްގެންނެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިއިވެންޓް ބަލާލުމަށް ގިނަބަޔަކު ރޭސްޖަހާ ސަރަހައްދަށް އެއްވިއެވެ. މިއިވެންޓަށް ޒުވާނުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ. މިއީ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މިއިވެންޓްގައި މޮޑިފައިކޮށް ހަދައިގެން ނެރެފައިވާ ވަރަށް ރީތި ސައިކަލުތައް ފެނިގެންދިޔަ އެވެ.