ޚަބަރު

ކޮޕް-26: މޫސުމީ ބަދަލުތަކަށް އަސްލު ޒިންމާވާންޖެހެނީ ކޮންބައެއް؟


މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ ކޮޕް-26 ސަމިޓުގައި އެންމެ ބޮޑު ބަހުޘަކަށްވާނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަންޖެހޭ، ހޭދަ ކުރާނެ ބަޔަކާ މެދުގައި ކަމަށް ބެލެވެއެވެ. ދާދިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު ބޭއްވި ޕެރިސް ކޮންފަރެންސްގައި ކަނޑައެޅި ހޭދައިގެ ލަނޑުދަނޑިއަށް ޤައުމުތަކުން ވާސިލު ނުވުމުގެ ސަބަބުން މިހާރު ކުރަންޖެހޭ ޚަރަދު ވަނީ ދެގުނަ އިތުރުވެފައެވެ.

އަސްލު ޚަރަދު ކުރަންޖެހެނީ ކޮންބައެއް؟

މޫސުމަށް ބަދަލު އައުން ނުވަތަ ކްލައިމެޓް ޗޭންޖަކީ ދިގުމުއްދަތަކަށް މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކެވެ. މިފަދަ ބަދަލުތައް ދުނިޔޭގެ ގުދުރަތީ ނިޒާމަށް އަންނަން ފަށާފައިވާ ކަމަށް ރިކޯޑުކުރެވިފައިވަނީ މިހާރު ކުރިއަރާފައިވާ ޤައުމުތަކުން ތަރައްޤީވުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ނުވަތަ އިންޑަސްޓްރިއަލައިޒޭޝަންގެ ތެރޭގައި އެއްވެސް ބެލުމެއް ނެތި ހިންގާފައިވާ ތިމާވެށީގެ ޖަރީމާތަކުގެ ސަބަބުންނެވެ. އެގޮތުން ތަރައްޤީކުރެވުނު އެކި ފެކްޓްރީތަކާއި ކާރުޚާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރަމުންދިޔަ ބާވަތްތަކުން ޖައްވައް ބޭރުވަމުންދިޔަ ވިހަ ގޭހަކީ މިހާރު މިދެކޭ މޫސުމީ ބަދަލުތަކުގެ އަސްލުކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އެހެންކަމުން މިކަމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭ ބަޔަކީ މިހާރު ތަރައްޤީވެފައިވާ އަދި އިޤްތިޞާދީގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކެވެ.

2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮންފަރެންސްގައި މުއްސަނދި ޤައުމުތަކުންވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މޫސުމީބަދަލުތަކުން އަރައިގަތުމަށް އެހީވުމަށް 2020 ވަނަ އަހަރާއި ހަމައަށް އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް މިލަނޑުދަނޑިއަށް އެޤައުމުތަކުން ވާސިލުވެފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ޚަރަދުކުރަންޖެހޭ ޢަދަދު ދެގުނަ އިތުރުވާނެކަމަށް ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތައް ދިރާސާކުރާ ޖަމިއްޔާއެއްކަމަށްވާ ސެންޓަރ ފޯރ ގްލޯބަލް ޑިވެލޮޕްމަންޓް ސީޖީޑީން ވިދާޅުވެއެވެ.

މުޅި ދުނިޔޭގެ އިޤްތިޞާދުގެ 80 އިންސައްތަ ހިއްސާކުރާ 38 ޤައުމުގެ ދަރަނި

ސީޖީޑީން ހާމަކުރައްވާ ގޮތުގައި ދުނިޔޭގެ ވިޔަފާރިއާއި އިޤްތިސާދުގެ 80 އިންސައްތަ ހިއްސާކުރާ އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް އޯއީސީޑީ ގައި ހިމެނޭ 38 ޤައުމުން ކުރިއަށް އޮތް 80 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި އަހަރަކު ގާތްގަނޑަކަށް 190 ބިލިއަން އެމެރިކާ ޑޮލަރު މިކަމަށް ޚަރަދުކުރަންޖެހެއެވެ.

ސީޖީޑީން ދެކޭގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަރައްޤީވެފައިވާ ޤައުމުތަކުން އެހެން ޤައުމުތަކަށް އަދާކުރަންޖެހޭ ދަރަނީގެ 45 އިންސައްތަ ހިއްސާކުރަނީ މި 38 ޤައުމުންނެވެ. މިވަގުތު އެންމެ ބޮޑަށް ޖައްވަށް ވިހަ މާއްދާތައް ބޭރުކުރަމުންދާ 4 ޤައުމު މިލިސްޓުން އުނިވާ ސަބަބަކީ މިކަމަށް ކުރާނެ ހޭދަ ބެލުމަށް ޖައްވަށް ވިހަ ގޭސް ބޭރުކުރަން ފެށި ތާރީޚު ޖެހި ހިސާބުގައި މިޤައުމުތައް ތަރައްޤީވާން ނުފެށުމެވެ. މިޤައުމުތަކަކީ ބްރެޒިލްއާއި ރަޝިއާ އާއި އިންޑިއާގެ އިތުރުން ޗައިނާއެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި މިޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް އިންތިހާއަށް އިތުރުވެފައިވާތީ ސީޖީޑީން ވިދާޅުވީ މިދަރަނީގެ 34 އިންސައްތަ ހިއްސާކުރަނީ މި 4ޤައުމު ކަމަށެވެ.

މިޤައުމުތައް ތަރައްޤީވާން ފެށި ހިސާބުން ބަލާއިރު ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ފަސްބައިކުޅަ ތިންބައި ޖައްވަށް ދޫކުރަމުން އަންނަނީ މިޤައުމުތަކުންނެވެ. އެއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ނިސްބަތުން ބަލާއިރު 100 ގުނަ އިތުރު ޢަދަދެކެވެ. ފަޤީރު ޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަމާއްދާގެ ނިސްބަތްހުރީ 1 އިންސައްތައަށްވުރެ ދަށުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެންކަމުން މިފަހަރުގެ ކޮޕް ސަމިޓުގެ އެންމެ ހޫނު ބަހުޘަކަށްވާނީ މިހޭދަކުރަން ޤައުމުތައް އެއްބަސްވުމާއި ގުޅޭގޮތުން ކަމަށް ބެލެވެއެވެ. އދ.ގައި ހިމެނޭ ދުނިޔޭގެ 193 ޤައުމުގެ ތެރެއިން މިބަހުޘްގައި 42 ޤައުމާ ދެކޮޅަށް 151 ޤައުމަކުން އަރާނެއެވެ. ސަބަބަކީ މިއީ އެޤައުމުތަކުގެ ކުރިމަގާ ގުޅިފައިވާ އެޤައުމުތަކުގެ ތަރައްޤީއާއި ދެމެހެއްޓުމާ ގުޅިފައިވާ އިންސާނީ ބޮޑު ކާރިޘާއަކަށް ވަމުންދާ މައްސަލައަކަށް ވުމުންނެވެ.