ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯކަލް އެމްބެސެޑަރަކަށް މުހައްމަދު ނައުޝާދު ހަމަޖައްސައިފިއެވެ. އޭނާ ލޯކަލް އެމްބެސެޑަރަކަށް އައްޔަންކޮށްފައިވަނީ އެ ކޯޕަރޭޝަނުން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުންނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މަގުސަދަކީ، ކުރިއަރަމުން އަންނަ ކުޅިވަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދީ، މުއްސަނދި ސަގާފަތާއި ތަފާތު ތަޖުރިބާތަކަށް އަލިއަޅުވާލުމަށް ލޯކަލް އަޑުތައް ބޭނުންކޮށްގެން ގިނަ ފަރާތްތަކެއް ހިމެނޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދައްކާލުންކަމަށެވެ.
މުހައްމަދު ނައުޝާދަކީ ލޯކަލް ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ، އިވެންޓް މެނޭޖަރ، އަދި ސްޕޯޓްސް ޓޫރިޒަމް ޗެމްޕިއަނެކެވެ. އޭނާގެ ސްޓޯރީޓެލިންގްއާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޭނާގެ ޕްރެސެންސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޝައުގުވެރިކަމާއި ގުދުރަތީ ރީތިކަން ޕްރޮމޯޓް ކުރުމަށް ވަރުގަދަ އަޑަކަށް ވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ނައުޝާދު ފަދަ ނުފޫޒުގަދަ ފަރާތްތަކާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފުޅާ ދާއިރާއެއްގައި ޚާއްސަކޮށް ކުޅިވަރާއި އެޑްވެންޗާ ޓްރެވަލް ކޮމިއުނިޓީތަކުގެ ތެރޭގައި ޓޮޕް އޮފް މައިންޑް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުންކަމަށް ވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޕާސަނަލް އިންފްލޫއެންސް އާއި ޕްރޮފެޝަނަލް ނެޓްވޯކްތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށްވުރެ އިތުރުން ތަފާތު ތަޖުރިބާތައްވެސް ލިބޭ މަންޒިލެއްގެ ގޮތުގައި ދައްކުވައިދޭނެކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މުހައްމަދު ނައުޝާދުގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ލޯކަލް ބްރޭންޑް އެމްބެސެޑަރ އަކަށް މީގެކުރިން ވަނީ ބޭންޑް '2އޮފްއަސް' ހޮވާފައެވެ. މި އިސްނެގުމުގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންގެ އަމާޒަކީ ލޯކަލް އާޓިސްޓުންނާއި ކްރިއޭޓިވްސް ބައިވެރިކޮށްގެން އެފަރާތްތަކުގެ ތަފާތު ވާހަކަތައް ދުނިޔެއާ ހިއްސާކުރުމަށް ބާރުވެރިކޮށްދީ، ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި ލޯކަލް ކޮމިއުނިޓީއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުންކަމަށް ވަނީ ބުނެފައެވެ.