ޚަބަރު

ކޮޕް 26، ގޮތް ނިންމަން ލިބޭ ފަހު ފުރުސަތަށް ވެދާނެ!

މުޅި ދުނިޔޭގެ ކުރިމަގާ ގުޅޭ ތިމާވެށީގެ މުހިންމު ނިންމުންތަކެއް ނިންމާ، ދުނިޔޭގެ އެންމެބޮޑު ބައްދަލުވުން މިމަހުގެ 31ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. އެއީ ކޮޕް ސަމިޓެވެ. މިއީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ދުނިޔެ ހޫނުވުން ހުއްޓުވައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލެއް ގެނައުމަށް ނިންމުންތައް ނިންމަން އެތައް ސަތޭކަ ޤައުމެއް އެއްވެ ބާއްވާ މުހިންމު ބައްދަލުވުމެެކެވެ. މިއަހަރުގެ ކޮޕް ސަމިޓުގައި 100އަށްވުރެ ގިނަ ޤައުމުތަކުގެ ރައީސުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ތިމާވެށީގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުން، ކޮޕް 26، ސަމިޓު މިމަހުގެ 31ގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިސަމިޓު ބާއްވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯވގައެވެ. މިބައްދަލުވުން އެންމެ ފުރަތަމަ ބާއްވަން ތާވަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެހެންނަމަވެސް ކޯވިޑްގެ ސަބަބުން ޤައުމުތައް ފުރަބަންދުގެ ޙާލަތުގައި އޮތުމުގެ ސަބަބުން މިސަމިޓުވަނީ ފަސްކޮށްފައެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ 2015ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމަށް ވާނެކަމަށް ބައެއް ޤައުމުތަކުން ދެކެއެވެ. ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް އެކްޓިވިސްޓުންވަނީ މި ބައްދަލުވުމާމެދު މާޔޫސްވެފައެވެ. ސަބަބަކީ 2015ވަނަ އަހަރު ބޭއްވި ސަމިޓުގައި ކުރުމަށް ނިންމި ކަންކަމާއި ޙާސިލުކުރުމަށް ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލުނުވުމެވެ.

ޤައުމުތަކުން އަންނަނީ ސަމިޓުގެ ކުރިން އެޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ، މަދުކުރާނެ މިންވަރު ކަނޑައަޅަމުންނެވެ. ރާއްޖެއިންވަނީ މިކަން 2019ވަނަ އަހަރު ޢިއުލާންކޮށް 2030ގެ ނިޔަލަށް ނެޓް ޒީރޯއަށް ވާޞިލްވުމުގެ މަސައްކަތް އެންމެފުރަތަމަ ފެށި މަދު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.

ތިމާވެއްޓާ ގުޅޭގޮތުން ޤައުމުތަކުން ކަންބޮޑުވުން ފަޅުކުރަމުންދާއިރު ގިނަ ޤައުމުތަކަކުން ނެޓްޒީރޯއަށް ދިޔަނަމަވެސް މިކަމުގައި ބަދަލެއް އަންނާނީ އެންމެ ގިނައިން، ވިހަ ގޭސް ޖައްވަށް ބޭރުކުރާ ޤައުމުތަކުން އަޅާ ފިޔަވަޅަކާއެކު ކަމަށްވާތީ ގިނަ ޤައުމުތަކަކުން ކަންބޮޑުވެއެވެ. މިކަންބޮޑުވުން މިހެން އޮތްއިރު މިއަހަރުގެ އޭޕްރީލްމަހު އެމެރިކާއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެއްގައި ވަރޗުއަލްކޮށް ބައިވެރިވި ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވަނީ ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމާ ގުޅޭގޮތުން އެޤައުމުތަކުގެ ނިންމުން އޮތްގޮތް ހާމަކޮށްފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ވިހަގޭސް ޖައްވަށް ބޭރުކުރާ ޤައުމަކީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނައިން މިފަދަ މާއްދާތައް ޖައްވަށް ބޭރުކުރާ ޤައުމަކީ އެމެރިކާއެވެ. ތިންވަނާގައި އޮތީ އަވައްޓެރި އިންޑިއާއެވެ. އުއްމީދީ މާބޮޑު ހުށަހެޅުންތަކެއް މިބައްދަލުވުމުގައި އައިސްފައި ނުވުމަކީވެސް ކްލައިމެޓް އެކްޓިވިސްޓުން މާޔޫސްކުރުވި ސަބަބެކެވެ. އެހެންނަމަވެސް މިދިޔަ ބުރާސްފަތިދުވަހު އިނގިރޭސިވިލާތާއި އެމެރިކާއާއި ޗައިނާގެ އިތުރުން 114 ޤައުމަކުން، ވަނީ ކުރިއާ ޚިލާފަށް ވަރުގަދަ ނިންމުންތަކެއް މިކަމާ ގުޅިގެން ނިންމާފައެވެ. އިނޑިއާއިން އަދި މިކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ދުނިޔެ ހޫނުވަމުންދާ ނިސްބަތް މިގަރުނުގައި 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކުއްލި ޙާލަތެއްގައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އެންމެ ފަހުން ސައިންސްވެރިން ހާމަކޮށްފައިވާ އައިޕީސީސީ ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ. މިއަމާޒަށް ދިޔުމަށް އޮތީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރުކަންވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. ދުނިޔެ ހޫނުވާ ނިސްބަތް މިހާރު ހުރި މިންވަރުންވެސް ޤައުމުތަކަށް ކުރިމަތިވަމުންދާ ގުދުރަތީ ކާރިޘާތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން 2 ޑިގްރީއަށް މިނިސްބަތް އެރުމަކީ ޤައުމުތަކަށް ބަރުދާސްތު ނުކުރެވޭނެކަމެއްކަމަށް ސައިންސްވެރިން ދެކެއެވެ.

މިސަބަބަށްޓަކައި މިފަހަރުގެ ކޮޕް ސަމިޓަކީ މުޅި ދުނިޔޭގެ ކުރިމަގާއި ގުޅިފައިވާ ސަމިޓެކެވެ. ހަމައެކަނި ހުސް ވާހަކަތަކެއް ދައްކާލައިގެން ނިންމާލެވޭކަށް ނެތެވެ. ވަގުތުންވަގުތަށް ޢަމަލީ ފިޔަވަޅުއަޅަން ފަށާ ވަގުތަކަށް މިވަގުތު ހަދަންޖެހެއެވެ. އެހެންނޫނީ ދުނިޔޭގެ ކުރިމަގު އުޖާލާކުރަން ލިބޭ ފަހު ފުރުސަތު ގެއްލި ވަގުތު ފާއިތުވުމުގެ ބިރު އޮތްކަމަށް ސައިންސްވެރިންނާއި ކްލައިމެޓް އެކްޓިވިސްޓުން ދެކެއެވެ.

އދ.ގެ މޫސުމާ ބެހޭ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ ދުނިޔޭގެ އެންމެބޮޑު ތިމަވެށީގެ ބައްދަލުވުމަކީ ކޮޕްގައި ހިމެނޭ ޤައުމުތަކުން އެއްބަސްވާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. އެންމެ ފުރަތަމަ މިފަދަ ސަމިޓެއް ބާއްވާފައިވަނީ 1995ވަނަ އަހަރު ޖަރުމަނުގެ ވެރިރަށް ބަރލިންގައެވެ.