ޚަބަރު

ކުޅިވަރާ ގުޅުންހުރި މަޝްރޫޢުތައް އިތުރުވަނީ ރައްޔިތުން އެގޮތަށް އެދޭތީ - މަޚުލޫފް


މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކުޅިވަރުގެ މަޝްރޫއުތައް ގިނައީ އެގޮތަށް ޢާއްމު ރައްޔިތުން އެދޭތީކަމަށް މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެކްސްކުލޫސިވް" ޕްރޮގްރާމްގައި މަޚްލޫފް ވިދާޅުވީ ކުޅިވަރެކޭ އެއްގޮތަށް ކޮމްިއުނީޓި އެމްޕަވަމަންޓްގެ ދާއިރާ ކުރިއެރުވުމަށްވެސް އެމިނިސްޓްރީން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް ޤަބޫލުކުރެވައްވާކަމަށެވެ. އެހެންނަމަވެސް ކުޅިވަރުގެ މަޝްރޫޢުތައް އިތުރުކޮށް އިޖްތިމާޢީ ދާއިރާގެ މަޝްރޫތައް މަދުކުރުމަކީ މިނިސްޓްރީން ނިންމާކަމެއް ނޫންކަމަށާ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓު އެކުލަވާލައި ނިންމާއިރު، ރައްޔިތުންގެ ނިންމުންތައް އޮންނަ ގޮތްކަމަށެވެ.

ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދާއިރާއިން އެމިނިސްޓްރީއާ ޙަވާލުކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ ޖަމްޢިއްޔާތައް މެދުވެރިކޮށް މުޖުތަމަޢު ބާރުވެރި ކުރުވުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކަށް ފައިސާއާއި އެހެނިހެން ގޮތްގޮތުންވެސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއްވާކަމަށެވެ. އަދި އެކި ރަށްރަށުގައި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް ކޯވިޑާ ގުޅިގެން ދަތިތަކެއް ކުރިމަތިވިނަމަވެސް، ވޭތުވެގެން ދިޔަ ދުވަސްތަކުގައިވެސް އެތަކެއް ޖަމްޢިއްޔާއަކާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދާދިފަހުން 15 ޖަމްޢިއްޔާއަކަށް ފައިސާގެ އެހީތެރިކަން ވާނީ ފޯރުކޮށްދީފައި. މިހާރަވުރެ ބޮޑަށް މިދާއިރާއިން މަސައްކަތް ކުރަންޖެހޭ. މަހަކު 5 ޕްރޮގްރާމް ހިންގާނަމަ މިހާރު 10 ޕްރޮގްރާމް ޖަމިއްޔާތަކުން ހިންގަންވާނެ." މަޚުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީގެ ބަޖެޓްގައިވެސް ބޮޑުބައެއް ކުޅިވަރުގެ ފެސިލިޓީތައް ތަރައްޤީކޮށް ޤާއިމްކުރުމަށް ހިމަނާކަމަށެވެ. މިގޮތުން ކުޅިވަރުގެ 100 ފެސިލިޓީ ޤާއިމްކުރަން ހިމަނާއިރު 10 ޒުވާނުންގެ މަރުކަޒު ޤާއިމްކުރަން ހިމަނަން ޖެހޭ ޙާލަތްތައް އަންނަކަމަށެވެ. އެހެންނަމަވެސް އެއީ މިނިސްޓްރީން ނިންމާ ގޮތެއް ނޫންކަމަށާއި އެކަން ނިންމަކީ ރަށްރަށުގެ ރައްޔިތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުޅިވަރަކީ އޭގެތެރެއިން އިޖުރިމާޢީ އެތައްކަމެއް ފުރިހަމަވެގެންދާ ކަމަކަށް ވުމުން، ކުޅިވަރާ ގުޅުންހުރި މަޝްރޫޢުތަކާއެކު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.