ރިޕޯޓް

އެއަރޕޯޓުގައި އަލަށް ޤާއިމްކުރެވުނު ނޯތް އޭޕްރަން ހުޅުވައިފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް، އައި.އެން.އައި.އޭގައި އަލަށް ޤާއިމުކުރެވުނު ނޯތް އޭޕްރަން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެއަރޕޯޓުގައި އަލަށް ޤާއިމުކުރެވުނު ނޯތު އޭޕްރަން ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކައި މިއަދު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ޤާއިމުކުރެވުނު ނޯތް އޭޕްރަންގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން، އޭޕްރަން ޑިޒައިން ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމް.އޭ.ސީ.އެލުން ކުރައްވާފައިވާއިރު، ނޯތް އޭޕްރަން އެޅުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ސިނޯހައިޑްރޯ ކޯރޕަރޭޝަން ލިމިޓެޑުންނެވެ.ނޯތް އޭޕްރަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި، އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެއަރޕޯޓުގެ އާ ރަންވޭގެ މަސައްކަތާއި، އާ ޓާމިނަލެއް އެޅުމުގެ މަސައްކަތުގެ އިތުރުން ފިއުލް ފާރމް ތަރައްޤީކުރުމުގެ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެކަމަށާއި، އެކަމަށް ބޭނުންވާ ލޯން އެހީ މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.(އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ހުޅުވިގެންދިޔަ ނޯތް އޭޕްރަންގައި މަތިންދާ ބޯޓެއް ޕާކްކުރަނީ / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓުގައި ޕްރައިވެޓް ޖެޓްތަކާއި ބޮޑެތި އެއަރކްރާފްޓްތަކަށް ޕާކްކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވާތީ، އެކަމުގެ ޝަކުވާ އެކުންފުންޏަށް ލިބެމުންދާކަމަށެވެ. ނަމަވެސް އަލަށް ހުޅުވިގެން މިދިޔަ އޭޕްރަންގެ ސަބަބުން މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ.އަލަށް ހުޅުވުނު އޭޕްރޮންއަކީ މިހާރު ބޭނުންކުރަމުން އަންނަ އޭޕްރޮނަށްވުރެ ޖާގައިގެ ގޮތުން 163 އިންސައްތަ ބޮޑު އޭޕްރަނެކެވެ. އެގޮތުން 25 ކުދި ޖެޓާއި، 8 ނެރޯ ބޮޑީ އެއަރކްރާފްޓުގެ އިތުރުން 4 ވައިޑް ބޮޑީ އެއަރކްރާފްޓް އެއްވެސް ދަތިކަމެއް ނެތި މި އޭޕްރަން ގައި ޕާކްކުރެވޭނެ ކަމަށް އެމް.އޭ.ސީ.އެލުން ހާމަކުރައްވައެވެ. އަދި މި އޭޕްރަން އަށް އިތުރު ކުރެވުނު 25 މީޓަރުގެ އާ ދެ ޓެކްސީވޭގެ ސަބަބުން، ފްލައިޓްތަކަށް ފަސޭހަކަމާއިއެކު އޭޕްރަން ސަރަހައްދަށް ވަދެ ނުކުމެވޭނެކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން އެމް.އޭސީ.އެލްގެ ކާގޯއަށް އިތުރުކުރެވުނު އާ ކޯލްޑް ސްޓޯރޭޖްވެސް މިއަދު ވަނީ ހުޅުވާފައެވެ. މި ކޯލްޑް ސްޓޯރޭޖާއެކު އެއަރޕޯޓުގެ މިހާރު ކާގޯ ހޯލްޑިންގ ކެޕޭސިޓީ 50 އިންސައްތަ އިތުރުވެގެންދާނެކަމަށް އޭމް.އޭ.ސީއެލުން މަޢުލޫމާތުދެއްވައެވެ. މިއާއެކު ރާއްޖެއަށް ތަރުކާރީއާއި މޭވާ އަދި މަހުގެ ބާވަތްތައް އެތެރެކުރާ ވިޔަފާރިވެރިންނަށް، އެމީހުންގެ މުދާ ވީހާވެސް ތާޒާކަންމަތީ، އެއަރޕޯޓުގައި ގުދަން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. (އެމް.އޭސީ.އެލްގެ ކާގޯއަށް އިތުރުކުރެވުނު އާ ކޯލްޑް ސްޓޯރޭޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)މަތިންދާ ބޯޓުން ބާލާ ޕެލެޓްތައް، ހުރިގޮތަށް ކޯލްޑް ސްޓޯރޭޖުގައި ގުދަންކުރެވޭނޭހެން ފަރުމާކޮށްފައިވާ މި ކޯލްޑް ސްޓޯރޭޖްގެ ފިނިހޫނު މިން ސުމަކުން ފެށިގެން މައިނަސް ތިރީސް ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭނެކަމަށް އޭމް.އޭ.ސީއެލުން ހާމަކުރައްވައެވެ.