ޚަބަރު

މިމަހު އެންމެގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ މިއަދު


ރާއްޖެއިން އިތުރު 131މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އޮކްޓޯބަރުމަހުގެ ތެރޭގައި އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް ކޭސްތައް 130އިން މައްޗަށް އެންމެ ފަހުން އަރާފަވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 29ވަނަ ދުވަހުއެވެ. އެދުވަހު 141މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ. ވޭތިވެދިޔަ 24ގަޑިއިރަކީ އެއްފަހު އެންމެ ގިނައިން ކޭސްތައް ރިޕޯޓްކުރި ދުވަހެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 131 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 44 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި7 މީހަކާއި ސަފާރީތަކުން ޕޮޒިޓިވި 3 މީހުން މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86،550އަށް އަރާފައެވެ. ގިނަ ބަޔަކު އަލަށް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1379އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 17 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 62 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،918 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3889 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.