ޚަބަރު

އިންޑިއާގެ އެހީގައި 8 މަޝްރޫޢެއް ހިންގަނީ


އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ 8 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވީ މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ކަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުންވަނީ 36.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ 8 މަޝްރޫޢުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ކައުންސިލްތަކާ، ޙަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ސިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާނެ 2 ސީއެމްބިއުލާންސް އެމްއެންޑީއެފްއަށް ހޯދުމާއި ގދ.ތިނަދުއާއި ލ.ގަމާއި ހއ.ދިއްދޫގެ ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާކުރުމާއި ލ.މާބައިދޫގައި އައިސް ޕްލާންޓެއް ތަރައްޤީކުރުމާއި އޮލިމްޕަސް ހޯލް އަޕްގްރޭޑް ކުރުމާއި ނ.މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް ޢިމާރާތެއް ޢިމާރާތްކުރުމާއި، އދ.ދަނގެތީ ކަލްޗަރަލް ސެންޓަރު ޢިމާރާތްކުރުމާއި ތ.ތިމަރަފުއްޓާއި ތ.ވޭމަންޑޫގެ މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ދެމުންއައި އެހީތެރިކަން އެތައް ގުނައެއް އިތުރުކޮށްފައި ވާކަމަށެވެ. އެގޮތުން މިހާތަނަށް 155 މިލިއަން ރުފިޔާ ނުވަތަ 10 މިލިއަން އެމެރިކާ ޑޮލަރަށް ހިލޭ އެހީގެ މިންވަރު އިތުރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަލަށް ސޮއިކުރި 8 މަޝްރޫޢާއެކު އިންޑިއާއިން ރާއްޖޭގައި ފަށްޓަވަނީ ތަރައްޤީގެ އިތުރު މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސަންޖޭ ސުދީރް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެއަށް އެކިދާއިރާތަކުން އެހީތެރިވުމަކީ އިންޑިއާއިން އަބަދުވެސް އިސްކަމެއްދޭކަމެއްކަމުގައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއަށް ވެދެވެން އޮތް އެހީތެރިކަމެއް އަބަދުވެސް ވެދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ރާއްޖެއާއި އިންޑިއާގެ އެކުވެރިކަން ދެމެހެއްޓުމަށް ވޭތުވެދިޔަ ތަނުގައި ކުރެވުނު މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ސަންޖޭ ސުދީރުވަނީ ފާހަގަކުރައްވާފައެވެ.

85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ މި ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ މާޗުމަހުގެ 17ވަނަ ދުވަހުގައެވެ. މި ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 23ވަނަ ދުވަހުގައެވެ. މިއަދު އިފްތިތާޙުކުރި މަޝްރޫޢުތަކުގެ އިތުރުން، މި ގްރާންޓް ސްކީމްގެ ދަށުން މިހާރުވެސް 12 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ހުޅުދޫ އަދި ނ.ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް މަށްރޫޢާއި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ޤާއިމުކުރުމާއި ހއ.ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.