ވިޔަފާރި

275000 ރުފިޔާއިން ފާރުފުށި އިންވެސްޓްމަންޓް ޖޫރިމަނާކޮށްފި


ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް ރ.ފާރުފުށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވާތީ ދެލައްކަ ހަތްދިހަ ފަސް ހާސް ރުފިޔާއިން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވިދާޅުވީ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުންކަމަށެވެ. އެގޮތުން ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު، (އީއައިއޭ ރިޕޯޓު) ހެދުމާބެހޭ ގަވާއިދުގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 275،000 (ދެލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާއިން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާއިރު، މިޖޫރިމަނާ ފައިސާ އީޕީއޭއަށް ދެއްކުމަށް ދީފައިވަނީ 30 (ދުވަހުގެ މުއްދަތެކެވެ.

80 ކޮޓަރީގެ ފާރުފުށި ރިސޯޓު ހުޅުވައި ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަނީ ހުސްވި މަހުގެތެރޭ އެ ރިސޯޓު ވިއްކާލުމަށް އިޢުލާނުވެސްކޮށްފައެވެ.