ޚަބަރު

ޖަލު ހުކުމެއްކޮށްފައި ހުރި ގައިދީއަކު މަރުވެއްޖެ


ޖަލު ހުކުމެއްކޮށްފައި ހުރި ގައިދީއަކު ބަލިވެގެން އާއިލާއާ ހަވާލުކުރިފަހުން މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ ޖަލު ހުކުމެއް ކޮށްފައިވާ 47 އަހަރުގެ ދިވެހި ފިރިހެނަކު ހުކުމް ތަމްފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރިވސަސްއާ ހަވާލުކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އަދި މިމަހުގެ 18 ވަނަ ދުވަހު އޭނާ ބަލިވުމުން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށި ކަމަށާއި އޭނާގެ ބަލިހާލަތު ހުރިގޮތުން މި މަހުގެ 21 ވަނަ ދުވަހު އާއިލާ އާއި އެމީހާ ހަވާލު ކުރި ކަމަށެވެ. އެމީހާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.